ހުވަދު އަތޮޅު އުތުރުބުރީ މަޑަވެލީ ކައުންސިލް އިން ކުރިޔަށް ގެންދާ ‘ފުޓްސަލް ފިއެސްޓާ 2024’ ފަށައިފިއެވެ.
ހަމައެކަނި މަޑަވެލީގެ ކުޅުންތެރިންނަށް ބައިވެރިވެވޭ ގޮތަށް ކުރިޔަށް ގެންދާ މި މުބާރާތް ފިރިހެން ޑިވިޝަންގެ 4 ޓީމާއި އެކު ފަށާފައިވަނީ ރޭ މަޑަވެލީ ފުޓްސަލް ދަނޑުގައެވެ. ހުރިހާ މެޗެއް ރޭގަނޑު ކުރިޔަށް ގެންދާ ގޮތަށް އިންތިޒާމު ކުރެވިފައިވާ މި މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ގދ އަތޮޅު ކައުންސިލް ގެ ރައީސް ހަސަން ފައިހަތު ޤުދުރަތުﷲގެ އިތުރުން މަޑަވެލީ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ޝަމީޒް އެވެ.

ރައްޔިތުންގެ ތަރުހީބު ވަރަށް ބޮޑަށް ލިބިފައިވާ މި ފިއެސްޓާ ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި މަޑަވެލީ ރައީސް ފިޔާޒް ޙަސަންގެ އިތުރުން ނައިބު ރައީސާ ފަސީހާ ޝަފީގް އާއި މަޑަވެލީ ކައުންސިލްގެ އެހެނިހެން މެމްބަރުންނާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމެޓީ މެމްބަރުން ބައިވެރިވެލެއްވި އެވެ.
ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މަޑަވެލީ ކައުންސިލް ފުޓްސަލް ފިއެސްޓާ 2024 ގައި ބައިވެރިވެފައިވާ4 4 ޓީމަކީ
ޓީމް ފެނަކަ ،އެފްސީ އެޓޭކަރސް، އެފްސީ ޔަންގް ލަޔަންސް އަދި ރަސްގެފާނު އެފްސީ އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ފިރިހެން ޑިވިޝަންގެ މެޗްގައި ބައްދަލުކުރީ އެފްސީ ޔަންގް ލަޔަންސް އަދި ރަސްގެފާނު އެފްސީ އެވެ.
3-1 ން މި މެޗް ކާމިޔާބު ކުރީ ރަސްގެފާނެވެ.
ރޭ ކުޅުނު 2 ވަނަ މެޗު ކާމިޔާބު ކުރީ ޓީމް ފެނަކަ 5-1 ން ބަލިކޮށް އެފްސީ އެޓޭކަރސް އެވެ.
މި މުބާރާތުގައި މިރޭވެސް ދެ މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ.

