ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ހަރުދަނާކަން ހާމަކުރައްވައި، ވޭތުވެދިޔަ 8 މަސްދުވަހު ޚާރިޖީ ގުޅުންތަކުން ލިބުނު މުހިންމު ބައެއް ކާމިޔާބީތައް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ޙިއްޞާކުރައްވައިފިއެވެ.
އެމަނިކުފާނު މިކަން ޙިއްޞާކުރެއްވީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ ދިވެހިރާއްޖެއިން ދައްކަންޖެހޭ ދަރަނި ދެއްކުމުގައި ޗައިނާ އާއި އިންޑިއާއިން ލުއި ގޮތްތައް ހޯދައިދިނުމަށް ވަރަށް އެހީތެރިވަމުންދާކަމުގައެވެ. އަދި ދިވެހިރާއްޖޭގެ އިޤްތިޞާދީ ސިޔާދަތު ޔަޤީންކުރުމަށްޓަކައި، ކުރެވޭ މަސައްކަތްތަކަށް ޗައިނާ ސަރުކާރާއި އިންޑިއާ ސަރުކާރުން އެއްބާރުލުން ދެއްވާކަން ފާހަގަކުރައްވައި ދިވެހި ރައްޔިތުންގެ ފަރާތުން އެމަނިކުފާނު އެ ދެގައުމުގެ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.
އިންޑިއާއިން ވެދެއްވާ އެހީތެރިކަމަށް ތަފްޞީލީގޮތެއްގައި އަލިއަޅުވާލައްވައި ރައީސް ވިދާޅުވީ ދާދިފަހުން ދިވެހިރާއްޖެއިން ދައްކަން ޖެހުނު 50 މިލިއަން ޑޮލަރުވެސް އިންޑިއާ ސަރުކާރުން ރޯލްއޯވަރ ކޮށްދެއްވާފައިވާކަމުގައެވެ. އަދި ޒަރޫރީ ކާބޯތަކެތީގެ ބާވަތްތަކުގެ ކޯޓާވެސް ދެ އަހަރު ދުވަހަށް އިތުރުކޮށްދެއްވާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތިރުން ލައިން އޮފް ކްރެޑިޓްގައި ބާކީހުރި ފައިސާވެސް ބޭނުންކުރެވޭނެގޮތަށް މަގުފަހި ކޮށްދެއްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ވެދެއްވާ އެހީތެރިކަމަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ދިވެހިރާއްޖޭގެ ތަރައްޤީގެ އެކި މަޝްރޫޢުތަކަށް ޗައިނާގެ އެގްޒިމް ބޭންކުން ނަގާފައި ހުރި ލޯނުތަކާއި، އެ ލޯނުގެ އިންޓްރެސްޓް ކުރިއަށް އޮތް ފަސް އަހަރަށް ނުދައްކާ ގޮތަށް ނިންމައިދޭނެ ކަމުގެ ފެހި ސިގްނަލް ޗައިނާ ސަރުކާރުން ދެއްވާފައިވާކަމަށެވެ.
ރައީސް ފާހަގަ ކުރެއްވީ ޗައިނާއާއި އިންޑިއާއާ އެކީގައި ކަރަންސީ ސްވޮޕް އެއްބަސްވުންތަކަކަށް ދެވޭތޯ މަސައްކަތްކުރަމުންދާކަމުގައެވެ. އަދި އެކަމުގެ ސަބަބުން ޑޮލުރުގެ ދަތިކަން ކުޑަވެގެންދިޔުމަށް މަގުފަހިވެގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ޔޫ.އޭ.އީ ސަރުކާރުގެ ހެޔޮފުޅުކަން ފާހަގަކުރައްވައި، ޔޫ.އޭ.އީ.އަށް ދައްކަން އޮތް ލޯނުވެސް ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ފަސްކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވާކަންވެސް ހާމަކުރެއްވިއެވެ. ހަމައެއާއެކު ސައުދީ ފަންޑު މެދުވެރިކޮށް 3 ހޮސްޕިޓަލެއް ޤާއިމުކުރުމަށް ފަންޑް ކަށަވަރު ކުރެވިފައިވާކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އިނގިރޭސިވިލާތާއެކުވެސް މިނިވަން ވިޔަފާރީގެ މަޝްވަރާތައް ކުރިއަށްދާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އިންޑިއާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކުރެވޭނެކަމުގެ އުންމީދުވެސް އެމަނިކުފާނު އައުކުރެއްވިއެވެ.
މީގެ އިތުރުން ތުރުކީއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަސައްކަތްވެސް ނިމުމަކާ ގާތަށް ގޮސްފައިވާކަން މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން 53 ބާވަތަކުން ޑިއުޓީ މަޢާފްވެ ނުވަތަ ލުއިވާނެކަން ފާހަގަކުރައްވައި، މިކަމުގެ ސަބަބުން ތުރުކީއާއެކުވެސް ދިވެހި ވިޔަފާރިތައް ފުޅާކުރުމަށް ފުރުޞަތު ފަހިވެގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރއީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވީ މި ސަރުކާރުގެ ޚާރިޖީ ސިޔާސަތަށް ގިނަ ޤައުމުތަކުން އެއްބާރުލުން ދެއްވާކަން ފާހަގަކުރައްވައި ޤައުމުގެ އިޤްތިޞާދު ވަރުގަދަކުރުމަށް އެތައް ޤައުމަކުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ. އެގޮތުން އެއަރޕޯޓުގެ މަސައްކަތް އަވަސްކުރުމަށް، އެ މަޝްރޫޢަށް ފަންޑުކުރާ ސަޢޫދީ ޢަރަބިއްޔާ، ޗައިނާ، ކުވައިތު، އަދި ޔޫ.އޭ.އީއާއި އެކީގައި ކުރެވޭ މަސައްކަތުން، އިތުރަށް ބޭނުންވާ ފައިސާ ހަމަޖެހި، އަދި ދައްކަންހުރި ލޯނުތައް ދެއްކުން ފަސް ކުރެވޭނެ ގޮތްތައް ހަމަޖެހެމުންދާކަމުގައި ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.