[ޞަބްރު] މިއީ ޢަރަބި ލަފުޒެކެވެ. އެ ބަހުގެ އާންމު މާނައަކީ ކެތްތެރިކަމެވެ. ނަމަވެސް، އިސްލާމްދީނުގައި [ޞަބްރު] އެއީ ހަމައެކަނި ކެތްތެރިކަން ކަމުގައި ބުނެ ދޫކޮށްލެވޭކަށް ނެތެވެ. ޝަރުޢީ އިޞްތިލާޙުގައި މި ބަހުގެ މާނަކުރެވެނީ އެއަށްވުރެ ފުޅާކޮށެވެ. ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ﴿يَا أَيُّهَا الَّذِينَ آمَنُوا اسْتَعِينُوا بِالصَّبْرِ وَالصَّلَاةِ إِنَّ اللَّهَ مَعَ الصَّابِرِينَ﴾ (البقرة: ١٥٣) މާނައީ: [އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގި އެދޭށެވެ. ހަމަކަށަވަރުން ﷲ ވަނީ ކެތްތެރިންނާ އެކުގައެވެ.]
ޢިލްމުވެރީން [ޞަބްރު] ބަޔާންކުރައްވަނީ މީހަކަށް ކުރިމަތިވާ ކޮންމެ ފަދަ ޙާލަތެއްގައި ވެސް ސާބިތުކަންމަތީ ދެމިހުންނަ ހުރުމަށެވެ. ޙަޤީޤީ ކެތްތެރިކަމަކީ އެއީއެވެ. ކެތްތެރިކަމުގެ މާނަ ޢިލްމުވެރިން ތިން ބަޔަކަށް ބައްސަވައެވެ.
ކެތްތެރިކަމުގެ ފުރަތަމަ ބަޔަކީ، މާތް ﷲއަށް ކިޔަމަންތެރިވުމުގައި ކެތްތެރިވުމެވެ. އެއީ ތިމާއަށް ފަސޭހަކަމަކަށް ވިޔަސް އަދި އުނދަގޫ ކަމަކަށް ވިޔަސް، މާތް ﷲ އެ ކަމަކަށް އަމުރުކުރައްވައިފައި ވީތީ އެ ކަންކަމަށް ތަބާވުމެވެ. މާތް ﷲ ވަޙީކުރެއްވި ބަސްފުޅުގެ މާނައަށް ބައްލަވާށެވެ. [އަދި ރުޅި މަތަކޮށް ހިފަހައްޓާ މީހުންނެވެ.] (އާލްއިމްރާން: 134) މި އާޔަތުގައި ރުޅި މަތަކުރުމުގެ ވާހަކަ ބަޔާންވެގެން އައިސްފައި އޮތްއިރު، އެއީ އިންސާނީ ޠަބީޢަތުގައި ލައްވަވައިފައިވާ ސިފައެކެވެ. ކޮންމެ މީހެއްގެ ގާތަށް ވެސް ރުޅި އަތުވެދާނެއެވެ. އެހެން ނަމަވެސް، ރުޅި މަތަކުރުމަށް ކުރާ ކޮންމެ މަސައްކަތަކީ “ޞަބްރު”ގެ ތެރެއިންވާ ކަންކަމެވެ.
ދެވަނަ ބަޔަކީ، އެކަލާނގެ ޙަރާމްކުރެއްވި ކަންކަމަކަމުން ދުރުހެލިވުމަށް ޓަކައި ކެތްތެރިވުމެވެ. އަޅުގަނޑުމެން ދިރިއުޅެމުން މިދާ މުޖުތަމަޢުތަކުގައި މާބޮޑުކަމެއް ކަމުގައި ނުދެކި، ދީނުގައި މަނާ ކަންކަމަށް އެތައް ބަޔަކު ފަރުވާލެއްނެތި އަޅާނުލާ ދޫކޮށްލާތަން ފެނެއެވެ. ކުޑަކުޑަ މިސާލަކަށް ބަލައިލާނަމަ، ހުތުރު ބަހުން ވާހަކަ ދެއްކުން އެއީ އެހާ ބޮޑުކަމެއް ކަމުގައި މިހާރުގެ މުޖުތަމަޢު ނުދެކެއެވެ. ނަމަވެސް، މި ކަން ނުކުރުމަށް އިސްލާމްދީނުގައި އެތައް ފަހަރަކު އަންގަވައިފައި ވެއެވެ. ވީމާ ކިތަންމެ ގިނަ ބަޔަކު ކުރިކަމުގައި ވިޔަސް ސާބިތުކަމާ އެކު މިފަދަ ކަންކަމާ އަޅުގަނޑުމެން ދުރުހެލިވާންޖެހެއެވެ.
ފަހު ބަޔަކީ، މުޞީބާތުގެ ވަގުތުގައި ކެތްތެރިވުމެވެ. އިމްތިޙާނުކުރެއްވުމަށް އެކަލާނގެ ކޮންމެ އިންސާނަކަށް ވެސް މުޞީބާތްކުރިމަތި ކުރައްވައެވެ. އެ ވަގުތު އޭނާގެ އީމާންތެރިކަން ސާބިތުކޮށް ދެމެހެއްޓުމަކީ “ޞަބްރު” ނުވަތަ ޙަޤީޤީ ކެތްތެރިކަމެވެ. މީގެ ލާމަސީލު މިސާލަކީ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَއެވެ. ވޭނާއި ދަތިހާލުގައި 13 އަހަރު މައްކީ ދައުރު ހޭދަކުރެއްވިކުރެއްވުމަކީ ޙަޤީޤީ ކެތްތެރިކަމެވެ. އެފަދަ ޙާލަތްތަކުގައި ޝަކުވާ ނުކުރުމާއި، އެ ކަންކަމުގެ ތެރޭގައި ހިތްވަރުގަދަ ކުރުމާއި ޔަޤީންކަމާ އެކު ދުޢާކުރުމަކީ އެކަލޭގެފާނުގެ އަރިހުން ދަސްކުރަންވީ ފިލާވަޅުތަކެވެ. މާތް ﷲ ވަޙީކުރެއްވައިފައި ވެއެވެ. ﴿وَاللَّهُ يُحِبُّ الصَّابِرِينَ﴾ (آل عمران: ١٤٦) މާނައީ: [ކެތްތެރިންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ.] އެހެންކަމުން، [ޞާބިރީން]ގެ ތެރެއިން ވުމަށް މަސައްކަތްކުރައްވާށެވެ.
مُحَمَّد سَمُوْح سَعِيْد