ރާއްޖެ ޕްރޮމޯޓްކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަދި ނެޝަނަލް ހޮޓެލް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) އިން އެއްބަސް ވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސްއިކޮށްފައިވަނީ އެކަމަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައެވެ. އެމްއެމްޕީއާރުސީގެ ފަރާތުން އެ ކުންފުނީގެ ޗީޕް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު ޝިއުރީ ސޮއިކޮށްފައިވާއިރު މި އެންއެޗްޖީއޭއެމް ގެ ފަރާތުން ސޮއި ކޮށްފައި ވަނީ އެ އެސޯސިއޭޝަން ގެ ނައިބު ރައީސް އަހުމަދު ވަހީދެވެ.
މި އެއްބަސްވުމުގެ މަގުސަދަކީ ފަތުރުވެރިންގެ މެދުގައި އެންމެ ދާންބޭނުންވާ މަންޒިލެއްގެ ގޮތުގައި ރާއްޖެއަށް އޮތް ޝައުގުވެރިކަން އިތުރުކުރުން ކަމަށް އެމްއެމްޕީއާރުސީ އިން ހާޟަކުރެއެވެ.
ކުރިއަރަމުން އަންނަ މާކެޓުތަކަށް ވަނުމަށް އެންއެޗްޖީއޭއެމާ އެކު ގުޅުން ބަދަހިކުރަން ލިބުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި އެންއެޗްޖީއޭއެމް ފަދަ އިންޑަސްޓްރީ އަށް މުހިންމު ޕާޓްނަރުންނާ ގުޅިގެން އަޅުގަނޑުމެންގެ އަމާޒަކީ އަޅުގަނޑުމެންގެ ހަރަކާތްތައް އިތުރަށް ފުޅާކޮށް، އެކިއެކި މާކެޓުތަކުން ގިނަ ފަތުރުވެރިން ރާއްޖެއަށް ގެނައުން ކަމަށް އެމްއެމްޕީއާރުސީގެ ސީއީއޯ އަދޮ އެމްޑީ އިބްރާހިމް ޝިއުރީ ވިދާޅުވިއެވެ.
އެންއެޗްޖީއޭއެމް އިން މާކެޓިންގ މަސައްކަތްތަކާއި ބައިވެރިން ރެކްރޫޓްކުރުމުގައި މުހިންމު ދައުރެއް އަދާކުރުމަށާއި އަދި އޭޝިއަން ޓޫރިޒަމް ފެއާ (އޭޓީއެފް) 2024 ފަދަ އެކިއެކި ހަރަކާތްތަކުގައި ރާއްޖެ ޕްރޮމޯޓްކުރުމަށާއި، ލޯކަލް އައިލަންޑް ފަތުރުވެރިކަން ކުރިއެރުވުމާއި، ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ މަތީ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ދަރަޖަ އިތުރަށް ހަރުދަނާ ކުރުމަށް ވެސް މި އެއްބަސްވުމުގެ ދަށުން ވަނީ ހަމަޖެހިފައެވެ.