ބަންގްލަދޭޝްގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ބަންގްލަދޭޝްގައި ދިރިއުޅޭ އަދި އެޤައުމަށް ދަތުރުކުރާ ދިވެހީން ސަމާލުވުމަށް އަނެއްކާވެސް ދިވެހި ޚާރިޖިއްޔާއިން އިލްތިމާސްކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ ދިވެހި ހާރިޖިއްޔާއިން މިއަދު ނެރުނު ބަޔާނެއްގައެވެ. މިދުވަސްވަރު ބަންގްލަދޭޝަށް ދަތުރުކުރާ ފަރާތްތަކާ އެޤައުމުގައި ދިރިއުޅޭ ދިވެހީން، އެ ގައުމުގެ ސަރުކާރުން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް މިދުވަސްވަރު ބޭރަށް ނިކުމެ ނޫޅުމަށާއި އަދި އެޤައުމުގައި ހުންނަ ދިވެހި ހައިކޮމިޝަނުން ދެއްވާ އިރުޝާދުގެ މަތިން ޢަމަލުކުރުމަށް ދިވެހި ހާރިޖީ ވުޒާގެ ބަޔާނުގައި އިލްތިމާސް ކޮށްފައިވެއެވެ.
މިދަނޑިވަޅުގައި ބަންގްލަދޭޝްގައި ތިބި ކިޔަވާކުދިންނާއި އެޤައުމުގައި ދިރިއުޅޭ ދިވެހީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށާއި މިދަނޑިވަޅުގައި އެއްވެސް އެހީތެރިކަމެއް ބޭނުންވާ ފަރާތެއް ބަންގްލަދޭޝަންގައި ހުރިނަމަ އެޤައުމުގައި ހުރި ދިވެހި ހައި ކޮމިޝަނަށް ގުޅުމަށްވެސް އެ ވުޒާރާ އިން ވަނީ އެދިފައެވެ.
ހަމައެހެންމެ، ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނާއި ގުޅިގެން ރާއްޖޭގެ ހާރިޖީ ވުޒާރާއިން ދަނީ އެޤައުމުގައި ދިރިއުޅޭ އަދި އެގައުމަށް ދަތުރުކޮށްފައިވާ ދިވެހީންގެ ހާލު ބަލަމުންނެވެ.
ބަންގްލަދޭޝްގައި ކުރިއަށްދާ ހަމަނުޖެހުންތަކަކީ ސަރުކާރު ވަޒީފާތަކަށް މީހުން ޢައްޔަން ކުރުމުގައި އަމަލު ކުރަމުންދާ ކޯޓާ ނިޒާމާއި ސިޔާސަތުތަކާ ދެކޮޅަށް ކުރިއަށް ގެންދާ ހަމަނުޖެހުންތަކެކެވެ. މި ހަމަ ނުޖެހުންތަޖުގެ ތެރޭގައި 150 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު މުޒާހަރާތާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހުންގެ ޢަދަދު 10,000 އަށް އަރާ ކަމުގައި އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކުން ވަނީ ހާމަކޮށްފައެވެ.