ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް، މ. ކޮކާހަނދުވަރު، މުޙައްމަދު ނިމާލް، މިއަދު ޢައްޔަނުކުރައްވައިފިއެވެ.
މީގެ ކުރިން މުޙައްމަދު ނިމާލް ވަނީ މާލެ އަތޮޅު، އަތޮޅު ކައުންސިލްގެ ރައީސްގެ މަޤާމު އަދާކުރައްވާފައެވެ. އަދި ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ މިނިސްޓަރ ކައުންސެލަރ މަޤާމާއި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމުވެސް މުޙައްމަދު ނިމާލް އަދާކުރައްވާފައިވެއެވެ.
މީގެ އިތުރުންވެސް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމާއި، ޓޫރިޒަމް މިނިސްޓްރީގެ ނައިބުގެ މަޤާމުވެސް ފުރައްވާފައި ވެއެވެ.
މުޙައްމަދު ނިމާލް ވަނީ އޮސްޓްރޭލިއާގެ ޗާލްސް ސްޓާޓް ޔުނިވަރސިޓީއިން ބެޗެލަރ އޮފް ބިޒްނަސް (މާކެޓިންގ) ހާސިލްކުރައްވާފައެވެ.

