ކިންގްސްޓޮން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އާންމުންނަށް ސައިކަލު ވިއްކާ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ މީހުން ހޯދަން ފަށައިފިއެވެ.
ފުލުހުން ބުނީ ކިންގްސްޓޮން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އާންމުންނަށް ސައިކަލު ވިއްކާ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ފުލުހުންނަށް ހުށަހެޅިފައިވާތީ، އެ މައްސަލަތައް މިހާރު ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.
އެހެންކަމުން، ކިންގްސްޓޮން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ސައިކަލު ގަތުމުގައި މަކަރާއި ހީލަތުގެ އަމަލެއްގެ ޝިކާރައަކަށް ވެފައިވާ އިތުރު އެއްވެސް ފަރާތެއް ވާނަމަ، އެ ޚިދުމަތުގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9790048 އަށް ގުޅުއްވައި އެ މަޢުލޫމާތު ހިއްސާކުރެއްވުން އެދޭ ކަމަށްވެސް ބުނެފައި ވެއެވެ.
އިއްޔެ ފުލުހުން ވަނީ ކިންގްސްޓަންގެ މައްސަލަ ބަލަން ފަށާފައެވެ.
ސައިކަލު ގެނެސްދޭނެ ކަމަށް ބުނެ ކިންގްސްޓަން އިން ގިނަ އަދަދެއްގެ ބަޔަކު އަތުން ބޮޑެތި އަދަދުން ޑައުންޕޭމަންޓާއި ފުލް ޕޭމަންޓް ނަގައިގެން އުޅޭ މައްސަލަ ފެންމަތިވެގެން އުޅޭތާ ގިނަ ދުވަސްތަކެއްވެއްޖެ އެވެ. އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަބަޔަކު ނުރުހުން ފާޅުކޮށްފައިވާއިރު އެމީހުން ބުނެފައިވަނީ ކިންގްސްޓޮންއަށް ގުޅުމުން އެތަނުން ފޯނު ނުނަގާ ކަމަށެވެ. އަދި ސައިކަލު ނޫނީ ޕޭމަންޓް އަނބުރާ ދޭން އެދޭ ކަމަށް ކިންގްސްޓަންގެ މަޅީގައި ޖެހުނު ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

