މިދިޔަ ޖުލައި މަހުގެ 29 އިން ފެށިގެން އިނގިރޭސިވިލާތުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، 100 އަށްވުރެ ގިނަ މުޒާހަރާތައް ރޭވިފައިވާތީ ދިވެހިން ސަމާލުވުމަށް ފޮރިން މިނިސްޓްރީން އިލްތިމާސް ކޮށްފިއެވެ.
ރޭ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެ ޤައުމުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ދަނީ އިނގިރޭސިވިލާތުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ދިވެހިންގެ ހާލު ވަރަށް ގާތުން އެކަން ބަލަމުން ކަމަށެެވެ.
މިހާލަތާ ގުޅިގެން، 100 އަށްވުރެ ގިނަ މުޒާހަރާތައް ރޭވިފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާތީ، އިނގިރޭސިވިލާތުގައި ދިރިއުޅޭ އެންމެހައި ދިވެހި ރައްޔިތުންނާއި، އެ ޤައުމަށް ޒިޔާރަތްކުރާ ދިވެހި ފަތުރުވެރިންގެ ރައްކާތެރިކަމާއި ސަލާމަތަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް މިނިސްޓްރީން އިލްތިމާސްކުރާ ކަމަށެވެ. އަދި މުޒާހަރާތައް ބޭއްވުމަށް ހަމަޖެހިފައިވާ ސަރަޙައްދުތަކުން ދުރުހެލިވުމަށާއި އިނގިރޭސި ސަރުކާރާއި އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުންދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށްވެސް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.
އިނގިރޭސިވިލާތުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންފުޅުވާނަމަ އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާ ގުޅުއްވުން އެދޭކަމަށްވެސް މިނިސްޓްރީން ބުނެއެވެ. އަދި އިނގިރޭސިވިލާތުގައި ދިރިއުޅޭ ދިވެހިން ހައި ކޮމިޝަނުގައި ރަޖިސްޓަރީވުމަށް ވެސް ވަނީ އެދިފައެވެ.