އެމެރިކާގެ ކޮމްޕެޓިޓިވް ކުކިން ރިއަލިޓީ ޓީވީ ސީރީޒް،’ މާސްޓަރ ޝެފް’ ރާއްޖޭގައި ފެށުމާމެދު ދައުލަތުގެ މީޑިޔާ ޕީއެސްއެމްއާއިއެކު މަޝްވަރާ ކުރައްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
2010 ވަނަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހު ގައި ފޮކްސް އިން ޕްރިމިއާ ކުރި ކެއްކުމުގެ މި ފަންނުވެރި ހުނަރުވެރިން ފެނިގެންދާ ނުހަނު ވާދަވެރި، އަދި އެހާ ގިނަ ބައެއްގެ ތަރުހީބު ލިބޭ “މާސްޓަރ ޝެފް” ރާއްޖޭގައި ބޭއްވުމާ ގުޅޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ ރާއްޖޭގެ ލަގްޒަރީ ރިސޯޓްތަކުގައި 30،000 – 35،000 ޑޮލަރުގެ މުސާރައިގައި ޝެފުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެންކަމުން މިއީ ދިވެހިންނަށް ވެސް ކުރެވޭނެ ކަމެއް ކަމަށް ވިދާޅުވިއެވެ.
ޝެފުންގެ އެ ވަޒީފާއަށް ދިވެހިން ނެރުމަށް ފަތުރުވެރި ސިނާއަތުގެ އިސް ބޭފުޅުންނާއިއެކު މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. ރިސޯޓްތަކުން ދިވެހިން ތަމްރީންކޮށް އެ ވަޒީފާތަކަށް ދިވެހި ނެގުމުގެ މަސައްކަތަށް ޕްލޭނެއް އެކުލަވާލުމަށް މަޝްވަރާ ކުރައްވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ދިވެހިން ތަމްރީން ކުރާނީ ރިސޯޓްތަކުގެ ޖެނެރަލް މެނޭޖަރު، ސޭލްސް ޑައިރެކްޓަރސް، އޮޕަރޭޝަން މެނޭޖަރ އަދި ޝެފުނަށް ހެދުމަށް ކަމަށް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ މާސްޓަރ ޝެފް ޝޯވ ރާއްޖެ ގެނައުމުގެ ޝައުގު އުފައްދައި އެ ޝޯ ރާއްޖެ ގެނައުމާ ބެހޭ ގޮތުން ވަރަށް އަވަހަށް ޕީއެސްއެމްއާއެކުގައި މަޝްވަރާކުރައްވާނެ ކަމަށާއި މިހާރުވެސް ބައެއް ރިސޯޓްތަކުގެ އިންވެސްޓަރުންނަށް ތިބި ބޭފުޅުންނާ މަޝްވަރާކުރެވިފައިވާ ކަމަށެވެ. އަދި މިކަމަށް އެހީވުމަށްވެސް ބައެއް ފަރާތްތަކުން ތައްޔާރަށް ތިބިކަން ފައިސަލް ވަނީ ފާހަގަކުރައްވާފަައެވެ،
“ބައެއް ބޭފުޅުން އެބަ ވިދާޅުވެ މިކަމުގައި ވަރަށް ބޮޑަށް އެހީ ދެއްވާނެ ކަމަށް. މިސާލަކަށް ރިސޯޓެއްގައި އެކަން ކުރަން ބޭނުންވާނަމަ ކުރެވޭ ގޮތަށް. އޭރުން ވަރަށް ބޮޑަ މީގެ އިންޓްރަސްޓް އުފެއްދޭނެ،”. ފައިސަލް ވިދާޅުވިއެވެ.
މާސްޓާ ޝެފަކީ ރާއްޖޭގައި މީގެ ކުރިން ތިން ފަހަަރެއްގެ މަތިން ބޭއްވި މޯލްޑިވިއަން އައިޑަލް ކަހަލަ ރިއަލިޓީ ފްރެންޗައިޒް ޝޯވ އެއް ކަމަށާއި އެ ޕްރޮގްރާމްގައި ރާއްޖެއަށް ގެނެސް އެ ޝޯއަށް ޒުވާނުންގެ ތެރޭގައި ޝައުގުވެރިކަން އުފެދިގެންދާނެ ކަމަށެވެ.
“ރާއްޖޭގައި ރިސޯޓްތަކުގެ ޝެފުންގެ މުސާރައިގެ ރޭންޖް ބޮޑު. އާންމުކޮށް ރާއްޖޭގައި ރިސޯޓްތަކުގައި ދިވެހިން ތިބެނީ އާދައިގެ ވަޒީފާތަކުގައި. 700 ،800 ޑޮލަރު އަދި ސާވިސް ޗާޖް ލައިގެން 16،000 ޑޮލަރު ލިބޭ ވަރުގެ ވަޒީފާތަކަށް ދިވެހިން ލުމަކީ ހާއްސަކޮށް އިސްނައިގެން ކުރަން ބޭނުންވާ ކަމެއް،”. ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ ރާއްޖެއަކީ ދުނިޔޭގެ އެންމެ މަގްބޫލް މަންޒިލަށް ވާއިރު ހޮސްޕިޓާލިޓީ ދަސްކުރުމަށް ޔުނިވާސިޓީތަކަށް ދިއުމަށްވުރެ ރިސޯޓެއްގައި ކުދިން ތަމްރީންކޮށްފިނަމަ މާ ޕްރެކްޓިކަލް ވާނެ ކަމަށެވެ. އެގޮތުން ކުދިން ތަމްރީންކުރުމަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ވެސް ވިދާޅުވިއެވެ.