ކޮވިޑް-19ގެ ސަބަބުން މެދުކަނޑާލާފައިވާ ސްކޫލްތަކުގެ ނާސްތާ ޕްރޮގްރާމް އަންނަ އަހަރު ޖެނުއަރީމަހު ފަށާނެކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖެއަށް ދިމާވި ކޮވިޑް-19ގެ ނުރައްކާތެރި ހާލަތުގައި ނާސްތާ ޕްރޮގްރާމް ކުރިޔަށް ގެންދިޔުމުގައި ދަތިތަކެއް ހުރުމުން ވަގުތީގޮތުން އެޕްރޮގްރާމް މެދުކަނޑާލީ ކަމަށާއި އެހެންނަމަވެސް އަންނަ ޖެނުއަރީމަހު ނާސްތާ ޕްރޮގްރާމް އަލުން ފަށާނެކަމަށެވެ.
މިޕްރޮގްރާމް މެދުކަނޑާލެވުނުއިރު ސްކޫލްތަކުގައި ގިނައަދަދަކަށް ކިރުޕެކެޓްތައް ހުރުމުން އެޑިއުކެޝަން މިނިސްޓްރީން އަންގާފައިވަނީ މިއަހަރު ދިރާސީ އާ އަހަރު ފެށުމުން އެކިރުޕެކެޓްތައް ބޭނުންވާ ދަރިވަރުންނަށް ކޮންމެ ދުވަހަކު ކިރު ޕެކެޓެއް ނުވަތަ ކިރު ތައްޓެއް ދިނުމުގެ އިންތިޒާމު ސްކޫލުން ހަމަޖެއްސުމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތުގައި ސްކޫލްކުދިންނަށް ނާސްތާ ޕްރޮގްރާމް ހިންގުމަކީ އެމަނިކުފާނުގެ ވައުދު ފުޅަކަށްވެފައި ނާސްތާ ޕްރޮގްރާމް މެދުކަނޑާލެވުނުއިރު 139 މިލިޔަން ރުފިޔާ ވަނީ އެކަމަށް ޚަރަދުކުރެވިފައެވެ.