ބޭސްފަރުވާއާއި ގުޅުންހުރި މައްސަލަތަކަށް ދާއިމީ ޙައްލު ހޯދުމުގެ މަސައްކަތް ސަރުކާން ފަށައިފިއެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ފަށައިގެން ކުރިއަށްގެންދާ “ހާލު ކިހިނެއް؟” ޕްރޮގްރާމުގެ ތެރެއިން ދެނެގަނެވިފައިވާ ބޭސްފަރުވާއާއި ގުޅުންހުރި މައްސަލަތަކަށް އަވަސް ހައްލުތަކެއް ހޯދުމަށް އެ ވުޒާރާއިން ވަނީ ޞިއްޙީ ވުޒާރާގެ އިސް ފަރާތްތަކާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފައެވެ.
އެ ބައްދަލުވުމުގައި، ޑޮކްޓަރަށް ދެއްކުމުގައި ދިމާވާ ދަތިތަކަށް އަވަސް ހައްލުތަކެއް ހޯދޭނެ ގޮތްތަކާއި، ދާނުގައި ތިބޭ މީހުންނާއި އެކި ބާވަތްތަކުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޑޮކްޓަރަށް ދެއްކުމުގައި ދިމާވާ ދަތިތަކާއި، އެ ފަރާތްތައް ހޮސްޕިޓަލަށް ގެނައުމާއި، އަދި ސްޕެލިސްޓުންނަށް ދެއްކުމުގައި ދިމާވާ ދަތިތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރެވިފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

ބޭސްފަރުވާއާއި ގުޅުންހުރި މައްސަލަތަކަށް ދާއިމީ ޙައްލު ހޯދުމުގެ މަސައްކަތުގެ ތެރެއިން/ފޮޓޯ: ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ
މީގެ އިތުރުން އިޖުތިމާޢީ ރައްކާތެރިކަމާއި، ޢާއިލާތަކުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ދެ ވުޒާރާއިން ގުޅިގެން ކުރާނެ ކަންކަމާއި ގުޅޭގޮތުން ވެސް އެ ބައްދަލުވުމުގައި ވަނީ މަޝްވަރާ ކުރެވިގެން ގޮސްފައެވެ.
ޑެޕިއުޓީ މިނިސްޓަރ ލަހުފާ ވިދާޅުވީ ބޭސްފަރުވާގެ މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލައިގެ އިތުރުން ރައްޔިތުން އެންމެ ބޮޑަށް ހައްލު ބޭނުންވާ މައްސަލައިގެ ގޮތުގައި ފާހަގަކުރެވޭ ކަމަށެވެ.
އެގޮތުން ޑޮކްޓަރަށް ދެއްކުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމަށްޓަކައި މިހާރުވެސް އެ ވުޒާރާއިން ހުޅުމާލެ ހޮސްޕިޓަލާއި އައިޖީއެމްއެޗް އަދިވެސް ކަމާ ގުޅުންހުރި އެކި ފަރާތްތަކާއެކު މަސައްކަތް ކުރަމުންދާކަންވެސް ފާހަގަކޮށްފައި ވެއެވެ.

ބޭސްފަރުވާއާއި ގުޅުންހުރި މައްސަލަތަކަށް ދާއިމީ ޙައްލު ހޯދުމުގެ މަސައްކަތުގެ ތެރެއިން/ފޮޓޯ: ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ
ޚާއްސަކޮށް، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމްކުރެވިފައިވާ ހުޅުމާލެ ހޮސްޕިޓަލުގެ ޖީޕީ ކްލިނިކްގެ ޚިދުމަތްތަކާއި ބެހޭ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދެވި، ޕީޖީ ކްލިނިކްގެ ބޭނުން އެކަށީގެންވާ ގޮތުގައި ހިފެން ފެށުމާއެކު، ޑޮކްޓަރަށް ދެއްކުމުގައި ދިމާވާ ދަތިތަކަށް އެކަށީގެންވާ ރަނގަޅު ހައްލުތަކެއް ހޯދިފައިވާކަމަށް ލަހުފާ ވަނީ ވިދާޅުވެފައެވެ.
އެގޮތުން 30 މެއި އިން ފެށިގެން މިހާތަނަށް ޖީޕީ ކްލިނިކް މެދުވެރިކޮށް ޑޮކްޓަރަށް ދެއްކުމާއި، ސްޕެޝަލިސްޓުންނަށް ދެއްކުމަށް އެދިފައިވާ ހުރިހާ ފަރާތްތަކަށް އެ ފުރުޞަތު ފަހިކޮށްދެވިފައިވާކަން ލަހުފާ ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު ރާއްޖެއިން ލިބެން ނުހުންނަ ބޭސް ފޯރުކޮށްދިނުމުގައި އެސް.ޓީ.އޯ މެޑިކަލްސްއާއެކު މަސައްކަތް ކުރެވެމުންދާ ކަމަށާއި، ގިނަ ފަރާތްތަކަށް އެކަމުގައި އެހީތެރިކަން ފޯރުކޮށްދެވިފައިވާކަން ވެސް ފާހަގަކޮށްފައި ވެއެވެ.
އެއާއެކު ލަހުފާ ވިދާޅުވީ، ޞިއްޙީ މައްސަލަތަކަށް ދެމެހެއްޓެނިވި ދާއިމީ ހައްލުތަކެއް ހޯދުމަށް ހެލްތު މިނިސްޓްރީއާއެކު މަޝްވަރާތައް ކުރެވި، މަސައްކަތްތަކެއް ފެށިފައިވާއިރު، އެ މަސައްކަތްތަކާއެކު އެދެވޭ ރަނގަޅު ނަތީޖާތަކެއް ލިބިގެންދާނެ ކަމަށެވެ.