ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ބަހްރައިނަށް ވަޑައިގަންނަވައިފިއެވެ.
ފޮރިން މިނިސްޓްރީ އިން ހާމަކުރާ ގޮތުގައި މިނިސްޓަރު ބަހްރައިނަށް މި ކުރައްވާ ދަތުރުފުޅަކީ ފަސް ދުވަހުގެ ދަތުރުފުޅެއް ކަމަށާއި އަދި މިއީ އެ ގައުމުގެ ފޮރިން މިނިސްޓަރު ޑރ. އަބްދުއްލަތީފް ބިން ރާޝިދު އައްޒަޔާނީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އަދި މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައިވާ ދޭދޭ ގުޅުން ވަރުގަދަކުރުމާއި އެކުގައި ކުރިއަށް ދެވޭނެ ދާއިރާތަކާ މެދު ދެ ބޭފުޅުން މަތީ ފަންތީގެ މަޝްވަރާތައް ކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ވެސް ފޮރިން މިނިސްޓްރީ އިން ހާމަކުރެއެވެ.
އޭގެ އިތުރަށް ރާއްޖޭގެ ފޮރިން މިނިސްޓްރީ އިން މައުލޫމާތު ދޭގޮތުގައި އެ ގައުމުގެ ފޮރިން މިނިސްޓަރުގެ އިތުރުން މާލީ ވަޒީރު، ފަތުރުވެރިކަމާ ބެހޭ ވަޒީރާއި ތެލާ ބެހޭ ވަޒީރުގެ އިތުރުން، އެ ގައުމުގެ ސަރުކާރުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި، އެކި ދާއިރާތަކުން ކުރިއަށް ދިއުމާ މެދު މަޝްވަރާކުރެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ.
ރާއްޖޭގެ ފޮރިން މިނިސްޓަރު ގެ އަރިހުގައި މި ދަތުރުފުޅުގައި އެ މިނިސްޓްރީ ގެ އިސްވެރިން ވެސް ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ.