ޕްރީސްކޫލް އުމުރުގެ ކުދިން މުނިފޫހިފިލުވުމަށް ޓެބްލެޓް ބޭނުންކުރުމުން، އެކުދިންނަށް އަމިއްލަ އިހްސާސްތައް ބަލަހައްޓަން ދަސްނުވެ، ރުޅިވެރިކަމާއެކު ހަޅޭއްލަވައި ގަދަކުރުމުގެ ސަބަބުން، އެކުދިން މަޑުކުރުވުމަށް މައިންބަފައިން އަލުން ޓެބްލެޓް ދޭކަން ފާހަގަކުރެވިފައިވެއެވެ.
ކެނެޑާގެ ޔުނިވަރސިޓީ ޑި ޝެރްބްރޫކްގެ ދިރާސާވެރިން ޖާމާ ޕީޑިއެޓްރިކްސް ޖާނަލްގައި މި “ގެއްލުންދެނިވި” އާދައާމެދު ކިޔައިދީފއިވެއެވެ.
ދިރާސާގެ ލިޔުންތެރިން ފާހަގަކުރާ ގޮތުގައި ކުޑަކުދިން މޯބައިލް ވަސީލަތްތަކުގައި ހޭދަކުރާ އެވްރެޖް ވަގުތު 2020 ގައި ދުވާލަކު 5 މިނެޓުން 2022 ގައި ދުވާލަކު 55 މިނެޓަށް އިތުރުވެފައިވެއެވެ. އަދި މިހާރު ގިނަ 4 އަހަރުގެ ކުދިން އަމިއްލަ މޯބައިލް ވަސީލަތްތައް ބޭނުންކުރަމުންދާކަން ފާހަގަކޮށްފައިވެއެވެ.
ދިރާސާތަކުން ހާމަވާ ގޮތުގައި ޕްރީސްކޫލް އުމުރުގެ ކުދިން ސްކްރީނަށް ބަލަން ގިނަ ވަގުތު ހޭދަކުރުމުން އެކުދިންގެ ޞިއްޙަތަށާއި، ތަޢުލީމީ ކުރިއެރުމަށާއި، އިޖުތިމާޢީ ހުނަރުތަކަށް ނޭދެވޭ އަސަރުކުރެއެވެ. މިފަދަ އަސަރުތައް ކުރަނީ އެކުދިން މައިންބަފައިންނާ އެކަށީގެންވާ މިންވަރަށް މުޢާމަލާތް ނުކުރުމުގެ ސަބަބުންނެވެ. މައިންބަފައިންނަކީ ކުދިންނަށް އިހުސާސްތައް ހަރުދަނާކޮށް ގެންގުޅެން ދަސްކޮށްދެވޭނެ މުހިންމު ފަރާތްތަކެވެ. މީގެ އިތުރުން، އެހެން ކުދިންނާއެކު ކުޅުމުގެ ފުރުޞަތު ނުލިބުމަކީވެސް މިފަދا ނޭދެވޭ އަސަރުތަކަށް މަގުފަހިވާ ކަމެކެވެ.
މި ދިރާސާގައި، ނޯވާ ސްކޯޝިއާގެ 315 ކުދިންގެ މައިންބަފައިން، އެކުދިންގެ އައިޕެޑް، ޓެބްލެޓް ނުވަތަ މޯބައިލް ވަސީލަތްތައް ބޭނުންކުރާ މިންވަރު ތިން އަހަރުގެ މުއްދަތެއްގައި ރިޕޯޓުކޮށްފައިވެއެވެ. މިގޮތުން، 2020 ގައި ކުދިން 3 އަހަރާއި 6 މަސް ވީއިރު، 2021 ގައި 4 އަހަރާއި 6 މަސް ވީއިރު، އަދި 2022 ގައި 5 އަހަރާއި 6 މަސް ވީއިރު މަޢުލޫމާތު ނަގާފައިވެއެވެ. ކުދިންގެ މިޒާޖު ވަޒަންކުރުމަށް ޚާއްޞަ އަޚްލާޤީ ސުވާލު ކަރުދާހެއް ބޭނުންކޮށްފައިވެއެވެ.
އެމެރިކަން އެކެޑަމީ އޮފް ޕީޑިއެޓްރިކްސްއިން ހުށަހަޅާފައިވާ ގޮތުގައި 2 އަހަރާއި 5 އަހަރާ ދެމެދުގެ ކުދިންނަށް ދުވާލަކު 1 ގަޑިއިރު (ނުވަތަ ހަފްތާއަކު 7 ގަޑިއިރު) އަށްވުރެ އިތުރުނުވާ ގޮތަށް، ފެންވަރު ރަނގަޅު ޕްރޮގްރާމްތަކަށް އެކަނި ސްކްރީން ޓައިމް ދޭންވާނެއެވެ.
ދިރާސާގައި ބައިވެރިވި ކުދިން ޓެބްލެޓް ބޭނުންކުރި މިންވަރު އުމުރުފުރާތަކުން ދައްކައިދެނީ:
- 3 އަހަރާއި 6 މަސް: ހަފްތާއަކު އެވްރެޖްކޮށް 6 ގަޑިއިރާއި 30 މިނެޓު
- 4 އަހަރާއި 6 މަސް: ހަފްތާއަކު އެވްރެޖްކޮށް 6 ގަޑިއިރާއި 42 މިނެޓު
- 5 އަހަރާއި 6 މަސް: ހަފްތާއަކު އެވްރެޖްކޮށް 7 ގަޑިއިރު
- ދިރާސާވެރިންގެ ހޯދުންތަކުން ދައްކާގޮތުގައި 3 އަހަރާއި 6 މަހުގައި ޓެބްލެޓް ބޭނުންކުރުމާއި، އެއް އަހަރު ފަހުން ރުޅިވެރިކަމާއި ހިތްހަމަނުޖެހުން ފާޅުކުރުމާ ދެމެދު ސީދާ ގުޅުމެއް ވެއެވެ.
- އަދި 4 އަހަރާއި 6 މަހުގައި ކުދިން ހަޅޭއްލަވައި ގަދަކުރުމާއި، 5 އަހަރާއި 6 މަހުގައި ޓެބްލެޓް ބޭނުންކުރުން އިތުރުވުމާ ދެމެދުވެސް ގުޅުން ހުރިކަން ފާހަގަކުރެވިފައިވެއެވެ.
“ޢާންމުގޮތެއްގައި ސްކްރީން ބޭނުންކުރުމާއި، ޚާއްޞަކޮށް މޯބައިލް ވަސީލަތްތައް ބޭނުންކުރުން ކުޑަކުދިންގެ ދިރިއުޅުމުގައި އިތުރަށް ފުޅާވަމުން އަންނަ ކަމެކެވެ،” މިފަދައިން ދިރާސާވެރިން އެމީހުންގެ ހޯދުންތަކުގައި ފާހަގަކޮށްފައިވެއެވެ. “އަޅުގަނޑުމެންގެ ދިރާސާއިން ދައްކާގޮތުގައި، ޅަފަތުގައި ޓެބްލެޓް ބޭނުންކުރުމުން ކުޑަކުދިންނަށް ރުޅިއާއި ހިތްހަމަނުޖެހުން ބަލަހައްޓަން ދަތިވޭ! އެކުދިންގެ ކިބައިގައި ހަޅޭއްލެވުމާއި ގަދަކުރުން އިތުރުވެދާނެކަމުގެ ހޭލުންތެރިކަން މައިންބަފައިންގެ މެދުގައި އުފެއްދުން މުހިންމެވެ.”.
“ބައެއް އެޕްލިކޭޝަންތަކާއި ޕްރޮގްރާމްތަކުން ޖަޒުބާތުތައް ހަމަޖެއްސުމުގެ ހުނަރުތައް ތަރައްޤީކުރުމަށް އެހީތެރިވެދޭ ކަމަށްވެއެވެ،” އެ ފަރާތްތަކުން ފާހަގަކުރިއެވެ. “މިސާލަކަށް، ޑެނިއަލް ޓައިގަރ ޕްރޮގްރާމާއި މޯބައިލް އެޕްލިކޭޝަނުން ކުދިންގެ ޖަޒުބާތުތައް ހަމަޖެއްސުމުގެ ހުނަރުތައް ރަނގަޅުކުރުމަށް އެހީތެރިވެދޭކަން ދިރާސާތަކުން ދައްކުވައިދީފައިވެއެވެ.”
މީގެ އިތުރުން، ކުދިން ޓެބްލެޓް ބޭނުންކުރަމުންދިޔައިރު މައިންބަފައިން އެކުދިންނާއެކު ބައިވެރިވިތޯ ތަޙްޤީޤު ކުރި ފަރާތްތަކަށް ޔަޤީން ކުރެވިފައެއް ނުވެއެވެ. މައިންބަފައިންނާއި ދަރިން އެކުގައި ޓެބްލެޓް ބޭނުންކުރުމަކީ، އިންޓަރނެޓް ނެވިގޭޓްކުރުމުގައި އެމީހުންގެ ގުޅުން ބަދަހިކުރުމަށް މަގުފަހިވެދާނެ ކަމެކެވެ.