ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ގެ މާލެ އަދި ހުޅުމާލޭގައި ހުންނަ ސުކޫލަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިކަން ހާމަކޮށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ބުނީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފެށުމަށް ހަމަޖެހިފައިވާ މަތީ ސާނަވީ (ކީސްޓޭޖް 5) ކިޔެވުމަށް މި ދެ އިމާރާތުގެ ތެރެއިން އެ ދަރިވަރަކު ބޭނުން އިމާރާތެއްގައި ކިޔެވޭ ގޮތަށް ދަރިވަރުން ވެއްދުމަށް ފޯމު ހުށައެޅުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާ ކަމަށާއި ސްކޫލަށް ވެއްދުމަށް ހުށައަޅަން ޖެހޭ އެޑްމިޝަން ފޯމްގެ ލިންކް އެ ވުޒާރާގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށެވެ.
މިހާރު ގްރޭޑް 11 ގައި ކިޔަވަމުންދާ ދަރިވަރުން ފުރިހަމަކުރަންޖެހޭ އެޑްވާންސްސަބްސިޑިއަރީ (އޭއެސް) ލެވެލް އިމްތިހާނުތައް ފުރިހަމަކުރުމަށްފަހު، ގްރޭޑް 12 އަށް ސްކޫލު ބަދަލުކުރުމަށް ބޭނުންވާ ދަރިވަރުންނަށް ސްކޫލުގައި ޖާގަ އޮތް މިންވަރަކުން، ދެ އިމާރާތުންވެސް ފުރުސަތު ދެވޭނެކަމަށާއި ބީޓެކް މާއްދާތައް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ހުޅުމާލޭގައި ހުންނަ ސީއެޗްއެސްއީގެ އިމާރާތުން އެ ފުރުސަތު ލިބޭނެ ކަމަށް ވެސް އެ މިނިސްޓްރީ އިން ބުނެފައިވެއެވެ.
އެ މިނިސްޓްރީ އިން ވަނީ ސީއެޗްއެސްއީ އިން މަތީ ސާނަވީއަށް ކިޔެވުމަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވާ އުސޫލުތައް އާންމުކޮށްފައެވެ. އެގޮތުން އާންމު ކޮށްފައިވާ އުސޫލުތަކަކީ:
- 1) 1 މެއި 2023 ގެ ފަހުން ބައިވެރިވެފައިވާ އެސްއެސްއީ އަދި ޖީސީއީ އޯލެވެލް/ އައިޖީސީއެސްއީ އިމްތިހާނުން ޖުމްލަ 5 މާއްދާއިން ދަށްވެގެން “ސީ” ގްރޭޑް ލިބިފައިވުން (މީގެ ތެރޭގައި ދިވެހި ބަސް ނުވަތަ އިސްލާމިކް ސްޓަޑީޒް އާއެކު ކޮންމެވެސް 1 ސްޓްރީމެއްގެ މަދުވެގެން 2 މާއްދާ އިން ދަށްވެގެން ސީ ގްރޭޑް ލިބިފައިވުން)
- 2) ކޮމާރސް ސްޓްރީމްގެ މާއްދާތަކަށް ބެލެވޭނީ އެކައުންޓިންގ، ކޮމާރސ،ް ބިޒްނަސް ސްޓަޑީޒ،ް އިކޮނޮމިކްސް، އަދި މެތެމެޓިކްސް އަދި ސައިންސް ސްޓްރީމް ކަމަށް ބެލެވޭނީ ބަޔޮލޮޖީ، ކެމިސްޓްރީ، ފިޒިކްސް އަދި މެތެމެޓިކްސްއެވެ.
- 3) އާރޓްސް ސްޓްރީމް މާއްދާތަކަށް ބެލެވޭނި ހިސްޓްރީ އާއި ޖޯގްރަފީއެވެ. އާރޓްސް ސްޓްރީމްގައި ފާސްވެފައިވަނީ ހިސްޓްރީ އާއި ޖޯގްރަފީގެ ތެރެއިން 1 މާއްދާއިންނަމަ 2 ވަނަ މާއްދާއެއްގެ ގޮތުގައި އިންގްލިޝް ލޭންގްއޭޖް، އިންގްލިޝް ލިޓްރެޗަރ، އިކޮނޮމިކްސް ނުވަތަ މެތެމެޓިކްސ،ް މިއިން ކޮންމެވެސް 1 މާއްދާއެއް ބެލެވިދާނެއެވެ.
- 4) ސައިންސް ސްޓްރީމް ހަދާފައިވާ ދަރިވަރަކަށް، އާރޓްސް ނުވަތަ ކޮމާރސް ސްޓްރީމް އޭލެވެލް ހެދުމުގެ ފުރުސަތު އެދަރިވަރަކު ހަދާފައިވާ މާއްދާތަކަށް ބަލާފައި ދެވިދާނެއެވެ. (އިތުރު މަޢުލޫމާތު އެޕްލިކޭޝަން ފޯމާއެކު ދޫކުރާ އިންފޮމޭޝަން ޝީޓްގައި ލިބެން ހުންނާނެއެވެ.)
- 5) ރީޗެކުގެ ކުރިން ޝަރުޠު ފުރިހަމަނުވާ ނަމަވެސް، ރީޗެކަށްފަހު، ޝަރުޠު ފުރިހަމަވާނެކަމަށް ލަފާކުރެވޭ ކުއްޖެއްނަމަ، އެޕްލިކޭޝަން ފޯމް ހުށައެޅިދާނެއެވެ. މިގޮތަށް ފޯމް ހުށައަޅާ ދަރިވަރުން ރީޗެކް ނަތީޖާ ދޫކުރާ ދުވަހުން ފެށިގެން 2 ދުވަހުގެ ތެރޭގައި އެ ކުއްޖެއްގެ ނަތީޖާ ހުށައަޅަންވާނެއެވެ.
މީގެ އިތުރުން އެ މިނިސްޓްރީ އިން ބުނީ ދަރިވަރުންނަށް ޖާގަ ހަމަޖެހިފައިވާކަން 21 އޮގަސްޓު 2024 ފެށިގެން އަންގަމުންދާނެ ކަމަށާއި، ޖާގަ ލިބިފައިވާ ސްކޫލުން ދަރިވަރުންގެ އީމެއިލަށް ސްކޫލުގައި ރަޖިސްޓްރީވުމާ ބެހޭ އިރުޝާދު ފޮނުވާނެކަމަށެވެ.