ޔަހޫދީންނާ ދެކޮޅަށް ބަދަލުހިފުމުގެ ޢަމަލުތައް ހިންގުމަށް ގޮވާލާ ފަރާތްތަކަކީ ސިޔާސީ ވިސްނުންތެރިކަން ނެތް ބައެއް ކަމަށާއި، އެފަދަ ގޮވާލުންތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ކަމެއްކަމުގައި އީރާނުން ބަޔާންކޮށްފިއެވެ. މި ބަޔާން ނެރެފައިވަނީ، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް އަދި ޖަރުމަނުވިލާތުގެ ވެރިން، ޔަހޫދީންގެ މައްޗަށް އެއްވެސް ބަދަލުހިފުމުގެ ފިޔަވަޅެއް ނޭޅުމަށް އީރާނަށް ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ.
މި ތިން ޤައުމުން ޔަހޫދީންނަށް ޙަމަލާދިނުމާ ދެކޮޅަށް އަޑުއުފުލާފައިވަނީ، ޔަހޫދީންގެ ޢަމަލުތަކާ ގުޅިގެން މެދުއިރުމަތީގެ ސަރަޙައްދު އިތުރަށް ހޫނުވެ، ނުރައްކާތެރި ހަނގުރާމައަކަށް މަގުފަހިވެދާނެކަމުގެ ބިރު އުފެދިފައިވާ ދަނޑިވަޅެއްގައެވެ. 7 އޮކްޓޫބަރު 2023 އިން ފެށިގެން ޔަހޫދީ ޔަހޫދީ ފައުޖުން ދަނީ ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނަށް އަމާޒުކޮށް، އިންސާނިއްޔަތާ ޚިލާފު ޢުދުވާނީ ޙަމަލާތަކެއް ދެމުންނެވެ.
މި ޢުދުވާނުގެ ދަށުން ، 31 ޖުލައި ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އީރާނުގެ ވެރިރަށް ތެހްރާނަށް ޓެރަރިސްޓް ޙަމަލާއެއް ދީ، ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުގެ ސިޔާސީ ގޮފީގެ އިސްވެރިޔާ އިސްމާޢީލް ހަނިއްޔާ ޝަހީދުކޮށްފައެވެ. މިކަމާ ގުޅިގެން، އީރާނާއި “އެކްސިސް އޮފް ރެސިސްޓެންސް” ގައި ހިމެނޭ ހަނގުރާމަވެރިންނާއި ހަތިޔާރުއެޅި ޖަމާޢަތްތަކުން ވަނީ ޔަހޫދީންގެ މައްޗަށް ބަދަލުހިފުމުގެ ގޮތުން ނުރައްކާތެރި ޙަމަލާތަކެއް ދޭނެކަމުގެ އިންޒާރު ދީފައެވެ.
ޣައްޒާއަށް އަމާޒުކޮށް ދެމުންދާ ޙަމަލާތަކުގެ އިތުރުން، އިސްރާއީލުގެ ހަނގުރާމަވެރި ބާރުތަކުން ލުބްނާނުގެ ވެރިރަށް ބައިރޫތަށް ވައިގެ ޙަމަލާއެއް ދީފައިވެއެވެ. މި ޙަމަލާގައި އެ ޤައުމުގެ ޙިޒްބުﷲގެ އަސްކަރީ ކޮމާންޑަރު ފުޢާދު ޝުކްރު ޝަހީދުވެފައިވެއެވެ. މި ޙަމަލާގެ ރައްދުގައި އިސްރާއީލަށް އަމާޒުކޮށް ދެމުންދާ ޙަމަލާތައް އިތުރުކޮށް ވަރުގަދަ ކުރާނެ ކަމުގެ އިންޒާރު ޙިޒްބުﷲ އިން ދީފައިވެއެވެ.
މި ހަނގުރާމަވެރި ޢަމަލުތަކުގެ ބަދަލު ހިފުމުގެ ގޮތުން އިސްރާއީލަށް ޙަމަލާ ދިނުމާ ދެކޮޅަށް ވިލާތުގެ ތިން ބާރުން ( އިނގިރޭސިވިލް ފަރަންސޭސިވިލާތުގެ އިތުރުން ޖަރުމަނުވިލާތް ) އިން ގޮވާލާފައިވާ ގޮވާލުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ގޮވާލުމެއް ކަމަށް އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ނާޞިރު އަލް-ކަންޢާނީ ވިދާޅުވެފައިވެއެވެ.
ޒަޔަނިސްޓު ދައުލަތުން ހިންގަމުންދާ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު ޢަމަލުތަކާމެދު ކަންބޮޑުވުން ފާޅުނުކޮށް، ވިލާތުގެ ތިން ޤައުމުން ގޮވާލާފައިވަނީ އީރާނުގެ ސިޔާދަތީ މިނިވަންކަމަށް އަރައިގަނެފައިވާ ފަރާތްތަކާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް ނޭޅުމަށް ކަމަށް ކަންޢާނީ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، ޔަހޫދީންގެ ކިބައިން ބަދަލުހިފުމަށް އީރާނުން ޢަޒުމް ކަނޑައަޅާފައިވާ ކަމަށާއި، ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ ދެކޮޅަށް ތެދުވުމަށް އިނގިރޭސިވިލާތާއި، ފަރަންސޭސިވިލާތާއި އަދި ޖަރުމަނުވިލާތަށް ގޮވާލައްވާފައިވާ ކަމަށެވެ.
ކަންޢާނީ އިތުރަށް ވިދާޅުވީ،
“ޣައްޒާގެ ޢުދުވާން މެދުއިރުމަތީގެ މައްސަލައަކަށް ބަދަލުވެފައިވަނީ އެކަން ހުއްޓުވުމަށް އދ.ގެ ސަލާމަތީ މަޖިލީހުން އެއްވެސް ހަރުދަނާ ފިޔަވަޅެއް އަޅާފައިނުވާތީއެވެ. އަދި ހުޅަނގުގެ ސަރުކާރުތަކުން ޒަޔަނިސްޓު ދައުލަތަށް [އިސްރާއީލަށް] ސިޔާސީގޮތުން ހިމާޔަތްދީ، އަސްކަރީގޮތުން އެހީތެރިކަން ފޯރުކޮށްދެމުންދާތީއެވެ.”
ޔަހޫދީންގެ ހިމާޔަތުގައި އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް އަދި ޖަރުމަނުވިލާތުން ނެރެފައިވާ ބަޔާނުގައި ފާހަގަކޮށްފައިވަނީ، ޔަހޫދީންނަށް ހަމަލާދީފިނަމަ މެދުއިރުމަތީގެ ހަލަބޮލިކަން އިތުރުވެ، މިޞްރާއި ޤަޠަރުން ޣައްޒާގެ ހަމަނުޖެހުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތަށް ހުރަސްއެޅިދާނެ ކަމަށެވެ.
މި ތިން ޤައުމުން ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުން ސިފަކޮށްފައިވަނީ ހަނގުރާމައެއްގެ ގޮތުގައެވެ. އަދި މި ހަނގުރާމަ ނިމުމަކަށް ގެންނަންޖެހޭކަމަށް ބަޔާނުގައި ބާރުއަޅާފައިވެއެވެ. ނަމަވެސް މި ބަޔާނުގައި އިޒްރޭލުގެ ނަން އެއްވެސް ފަހަރަކު ބޭނުންކޮށްފައި ނުވެއެވެ.
2023 އޮކްޓޫބަރު 7 އިން ފެށިގެން އިޒްރޭލު ސިފައިން ޣައްޒާގައި ހިންގަމުންދާ އަނިޔާވެރި ހަމަލާތަކުގައި މަރުވެފައިވާ މީހުންގެ އަދަދު 39,965 އަށް އަރާފައިވެއެވެ. މީގެ ތެރޭގައި 16,000 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ. މީގެ އިތުރުން، ވެއްޓިފައިވާ އިމާރާތްތަކުގެ ތެރޭގައި އިތުރު 10,000 އަށްވުރެ ގިނަ މީހުން ތާށިވެފައިވާ ކަމަށް ޣައްޒާގެ ރަސްމީ ފަރާތްތަކުން ލަފާކުރެއެވެ. އަދި މި ހަމަލާތަކުގައި ޒަޚަމްވެފައިވާ މީހުންގެ އަދަދު 92,294 އަށް އަރާފައިވާކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.