މާލޭގެ ބައެއް މަގުތަކާއި ގޯޅިތަކުގެ ކަންމަތީގައި ޕާކުކުރާ އުޅަނދުތައް ޓޯކޮށް ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ކަންކަންމަތީގައި ޕާކު ކުރުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށާއި ވުމާއެކު އެގޮތަށް ޕާކު ކޮށްފައި ހުންނަ އުޅަނދުތަކާ މެދު ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށެވެ.
މިކަން ހުއްޓުވުމުގެ ގޮތުން ކަންކަންމަތީގައި ރެޑްލައިން ދެމުމަށް ނިންމާފައިވާ ކަމަށާއި އޭގެ ފަހުން ގަވާއިދާ ހިލާފަށް އެ ތަންތަނުގައި ޕާކުކުރާ މީހުންނަށް އެކަން އަންގައި އިއުލާންކޮށް، އަޅާނެ ފިޔަވަޅު އަންނަ ހަފުތާ ތެރޭގައި ނިންމާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި ކަމަކީ އެންމެންގެ ރައްކާތެރިކަމަށްޓަކައި ކުރާ ކަމެއް ކަމަށާއި ވިސްނުމެއް މާ ބޮޑު ހިޔާލެއް ނެތި، ހަމަ ކަންމަތީގައި ޕާކު ކުރަމުން ގެންދާ ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މަގުތަކާއި ގޯޅިތަކުގެ ކަންކަނުގެ އިތުރުން ދުވާރު މަތީގައި ޕާކު ކުރުމުގެ މައްސަލަ ބޮޑުވެ އާންމުންނަށް ހިނގައި ބިނގައިވެ އުޅެން މިވަނީ އުނދަގޫވެފައެވެ. މި އާއެކު މިކަން ހުއްޓުވުމުގެ ގޮތުން މާލޭ ސިޓީ ކައުންސިލުންވެސް ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން އެ ކައުންސިލުން ވަނީ ބޮލާޑް ޖަހަން ފަށާފައެވެ.