ބެއިޖިން ނޯމަލް ޔުނިވާސިޓީ އާއި ޔުނެސްކޯ ގުޅިގެން ޗައިނާގައި ކުރިއަށްދާ ގްލޯބަލް ސްމާޓް އެޑިއުކޭޝަން ކޮންފަރެންސްގަ މިނިސްޓަރު ޑރ.މަރިޔަމް މާރިޔާ ބައިވެރިވެ ވަޑައިގަންނަވައިފިއެވެ.
އެ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން މާރިޔާ ވިދާޅުވީ ކުރިއަރަމުން އަންނަ ތައުލީމުގެ ގޮންޖެހުންތަކަށް ދަރިވަރުންނާއި މުދައްރިސުން އަހުލުވެރި ކުރުމަށް އޭއައިއާ ލިޓަރެސީ އާއި އެތިކަލް ޕޮލިސީތައް ހަރުދަނާ ކުރުމަށް ޑިޖިޓަލް އިންފްރާސްޓްރަކްޗާ އިންޓަގްރޭޓް ކުރުމުގެ މުހިންމު ކަމަށެވެ.
އަދި ޑިޖިޓަލް އިނޮވޭޝަންގެ ޒަރިއްޔާއިން ރާއްޖޭގެ ތައުލީމީ ނިޒާމު ބަދަލުކުރުމަށް ކުރާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. ކުދި ޖަޒީރާ ޤައުމަށް ދިމާވެފައިވާ ތަފާތު ގޮންޖެހުންތަކާއެކުވެސް، ދަރިވަރުންނާއި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް މުސްތަޤްބަލަށް ތައްޔާރުވެ ތިބުމަށްޓަކައި، އޭއައި އާއި ޑިޖިޓަލް ވަސީލަތްތައް އެއްކޮށްލުމަށް ރާއްޖެއިން ދަނީ އިސްކަންދެމުން ކަމަށްވެސް ފާހަގަކޮށްފައި ވެއެވެ.
މީގެ އިތުރުން ރާއްޖޭގެ ތަޢުލީމީ ސިޔާސަތުތަކުގައި އިންކްލޫސިވިޓީ އާއި އެކްސެސިބިލިޓީގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ޑިޖިޓަލް ލިޓްރަސީ އެއްގޮތްކުރުމަށާއި، އުނގެނުމުގެ މާހައުލެއް ޤާއިމުކުރުމާ ގުޅޭ ގޮތުން ވެސް ވަނީ ވާހަކަ ދައްކަވާފައެވެ.
މިނިސްޓަރުގެ މި ދަރުފުޅުގައި ބޮޑެތި ކޮލެޖްތަކާއި ޔުނިވަސިޓީތަކަށްވަނީ ޒިޔާރަތް ކުރައްވާފައެވެ.
މި ދަތުރުފުޅުގެ ބޭނުމަކީ ތައުލީމް ކުރިއެރުވުމަށް ބޭރުގެ އެކި ގައުމުތަކުގެ މަގުބޫލު ޔުނިވާސިޓީ ތަކާއި ބައްދަލުކުރެއްވުމާއެކު، ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމުގެ މަސައްކަތް ކުރުން ކަމަށްވެސް މިނިސްޓަރުވަނީ ފާހަގަކޮށްފައެވެ.