ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޕްރިންސް ފައިސަލް ބިން ފަރްހާން އަލް ސަޢުދުއާއި ބައްދަލުކުރައްވައިފި އެވެ.
މިކަން ހާމަކޮށް މިނިސްޓަރު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ. މި ޕޯސްޓުގައި މިނިސްޓަރު ވިދާޅުވެފައިވަނީ އެގައުމުގެ ފޮރިން މިނިސްޓަރާއި ބައްދަލު ކުރައްވާފައިވާ ކަމަށާއި އަދި މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޒަމީރު ވަނީ ސަޢޫދީ ޢަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު ހިޒް ރޯޔަލް ހައިނަސް ޕްރިންސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢުދަށް އެޑްރެސްކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވާ ސިޓީފުޅެއް އެގައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޕްރިންސް ފައިސަލް ބިން ފަރްހާން އަލް ސަޢުދުއާއި ހަވާލުކުރައްވާފައި ވާ ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުންނާއި ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
މިނިސްޓަރު ސައުދީ އަށް ކުރައްވަމުންގެންދަވާ ރަސްމީ މި ދަތުރުފުޅުގައި ފުރާވަޑައިގަންނަވާފައިވަނީ ރޭގެ ވަގުތެއްގައެވެ. މި ދަތުރުފުޅު މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ.
މިދަތުރުފުޅުގައި، މިނިސްޓަރ ޒަމީރު ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުގެ އެހެނިހެން އިސް ވެރިންނާއި ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓްއާ ބައްދަލުކުރެއްވުމުގެ އިތުރުން، ރިޔާދުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީ އިން ހާމަކޮށްފައިވެއެވެ.
މި ދަތުރުފުޅުގައި މިނިސްޓަރ ޒަމީރުގެ އަރިހުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަޙްމަދު މުނައްވަރު، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ އެޓް ލާޖް އަޙްމަދު ނަސީރު، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓަޑްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު، އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޖޮއިންޓް ސެކްރެޓަރީ ބަދުރާ ސަޢީދާއި ޑިރެކްޓަރ ޖެނެރަލް ޢާއިޝަތު ފަރީނާ ބައިވެރިވެވަޑައިގަންނަވައެވެ.