“ފަލަސްތީނާއެކު ދިވެހީން” ޓެލެތޯނުން ލިބުނު 19 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ އދ.ގެ އިދާރާ އަންރުއާގެ އެކައުންޓަށް ޖަމާކޮށްދީފިއެވެ.
“ފަލަސްތީނާ އެކު ދިވެހީން”ގެ ނަމުގައި އަދުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނަންގަވައިގެން ކުރިއަށް ގެންދިޔަ މި ޓެލެތޯން ބޭއްވީ މިދިޔަ މެއި މަހު 12 ވަނަ ދުވަހުއެވެ. މި ޓެލެތޯންގައި އެކި މުވައްސަސާތަކާއި ސްކޫލްތަކާއި އަމިއްލަ ފަރުދުން އަދި ކުންފުނިތަކުން ބައިވެރިވިއިރު، މާލޭގެ އެކި ސަރަހައްދުތަކުގައި ފަންޑު ފޮށިތައް ބެހެއްޓުނެވެ. އެގޮތުން ޕީއެސްއެމް ލޮޖިސްޓިކްސް އޮފީސް ކައިރި، ޕީއެސްއެމް ސްޓޫޑިއޯ 3، އެމްޓީސީސީ ވިލިމަލެ ޓިކެޓް ކައުންޓަރު، އެޗްޑީސީ ހުޅުމާލެ ފޭސް 2 ބަަސް ސްޓޮޕް، ހުޅުމާލެ ހޮސްޕިޓަލް، ވެލާނާ އެއާޕޯޓް ޑޮމެސްޓިކް ޓާމިނަަލް، އެމްޕީއެލް، އެމްޑަބްލިވްއެސްސީ، ދަރުމަވަންތަ ހޮސްޕިޓަލް، ވެލާނާގެ، އެސްޓީއޯ ޕީޕަލް ޗޮއިސް، އެސްޓީއޯ ހެޑް އޮފީސް، ސްޓެލްކޯއިން މި ތެލެތޯންގައި ވަނީ ބައިވެރިވެފައެވެ.
މާލޭގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި ޓެލެތޯން ބޭއްވުނެވެ. ޓެލެތޯނުން ލިބުނު ފައިސާ ގުނައި އޮޑިޓްކޮށްފައިވަނީ މިނިވަން އޮޑިޓް ފާމެއް ކަމަށްވާ “ކްރޯ މޯލްޑިވްސް” އިންނެވެ.
ޓެލެތޯނުން ޖުމްލަ ލިބުނު 19,309,468.02 ރުފިޔާ (1.2 މިލިއަން ޑޮލަރު) ޖަމާކޮށްދީފައިވަނީ ދިވެހި ސަރުކާރުގެ ފަރާތުން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް، ޔޫއެސް ޑޮލަރުންނެވެ. މި ފައިސާ ޖަމާކުރެވިފައިވަނީ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް (އަންރުއާ) އަށެވެ.
މީގެ އިތުރުން، ދިވެހި ސަރުކާރުން ފަލަސްތީނަށް ކޮންމެ އަހަރަކު ދޭ އެހީގެ އަދަދު 5,000 ޑޮލަރުން 50,000 ޑޮލަރަށް އިތުރުކުރަން ނިންމާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ