ދުނިޔޭގެ އަނިޔާއަށް ނެތްނުވެ ކުޑަ މައުސޫމް 3 ކުދިން ގަނެތެޅެންޖެހޭ ޖެހުމަކީ ދުނިޔޭގެ ލޯތަކަށް ކެތްވާ މަންޒަރަކަށް ވަނީ ނުވެފައެވެ. ސޯޝަލް މީޑިއާއިން ފެންނަ ވީޑިއޯތަކަކީ އިންސާނީ ހިތަކުން ހިތައް ކެކުޅުމާއި ވޭނީ ކަނޑަށް ހިތް ޢަރަގްކޮށްލާ ވޭނަކަށް ވަނީ ވެފައެވެ.
ގަލަމުގެ ތުޑަށް މި ހާދިސާ އަރަންޖެހުނީވެސް ފެންނަފެނުމުން ކުދިންއުޅޭ ވޭނާއި ކުރާނެ އިހުސާސް އަމިއްލައަށް ވަޒަންވެވުނީމައެވެ. ދޮށީ ކުއްޖާ ރޮއިހޭރިހޭރި އޮއްވާ ބޫޓުން ތިން އެތިފަހަރުއެޅިއެވެ. އަނެއްކުއްޖާގެ އަތް ބަނދެފަ ބެހެއްޓީއެވެ. މިއީ ފެނުނު އެންމެ މަންޒަރެކެވެ. ނަމަވެސް މިއީ ކިތައްރޭ ކިތައްދުވަހުގެ ވޭނީ އަނިޔާ ކަމެއް ދެނެހުރީ ކާކު ހެއްޔެވެ. ގޮތްމުށުގެ ބާރަށް ހުށަހެޅިފައިވާ އެކުދިން ވޭނަށް ކެތްނުވެ ނުނިދިގެން ގަނެތެޅުނީ ކިތައްރޭކަމެއް ދެނެހުރީ ކާކު ހެއްޔެވެ. މިކަމުގެ ޒިންމާ ނަގާނީ ކާކު ހެއްޔެވެ. ބައްޕައާއި ދޮންމަންމަ އަރާމު އޭސީ ކޮޓަރީގައި ނިދަމުންދިޔައިރު ގޭގެ އަސްކަނިދަށުގައި އެކުދިން ނިދަމުން ދިޔައީ ދިލަ ހޫނުގައެވެ. މަދިރިން ރެކޭނެ ގޮތެއްނެތިފައެވެ. އަނިޔާވެރިކަން އިންތިހާއަށެވެ. އެކުދިންގެ ބައްޕަ އެކުދިން މަންމައަތުން އަތުލީ ޖެންޑާމިނިސްޓްރީންގައި އެދިގެންނެވެ. ރައްކާތެރިމާހައުލެއް ކަމަށްބުނެ އެ ކުދިން ބަދަލުކުރީ މީގެ ތިން އަހަރުކުރިންނެވެ.
އޭގެކުރިން އެ ކުދިން ދިރިއުޅުނީ އެކުދިންގެ މަންމަ ކައިރީގައެވެ. މަންމައަކީ އެކަނިހާލަށް ކުދިން ގެންގުޅެވޭނެހާ ގާބިލިއްޔަތުކަމެއް ލިބިގެންވާ އަންހެނެއްނޫން ކަމުން އަދި ތައުލީމުދިނުމާއި ޒަރޫރީ ބޭނުންތަކުގައިވެސް ކުދިން ގެންގުޅެވޭނެ އަންހެނަކަށް ނުވުމުން ކުދިން ބައްޕައާއި ހަވާލު ކުރެވުނީ އޭރު ޖެންޑާ މިނިސްޓްރީންގެ ނިންމުމުގެ ދަށުންނެވެ. ކުދިންގެ މަންމަ އާއި މާމައާއި ވަކިކޮށް ބައްޕައާއި ހަވާލުކުރި ސަބަބެއް ކަމަށްވަނީ ކުދިންނަށް ނަފްސާނީގޮތުން އަނިޔާލިބި އެކުދިން އުޅެން އެކަށީގެންނުވާ މާހައުލެއްކަމަށް ފެންނާތީއެވެ.
ރައްކާތެރި މާހައުލަކަށް ބަދަލުކުރަން ޖެންޑާއިން ނިންމާ ކުދިން ބައްޕައާ ހަވާލުކުރިއެވެ. ކުދިންގެ މަންމަގެ އަތުން ކުދިން ނެގުމަށްފަހު ކުދިން ބައްޕަގެ ރަށް ގއ. ކޮނޑޭ އަށް ގެންދެވުނެވެ. އެދުވަހު ކުދިންގެ މަންމަ ގއ. ކަނޑުހުޅުދޫ ހީނާމާގޭ ރިޝްފާ ޖަލީލް ރޮމުން އާދޭސްކުރަމުން ދިޔައީ ދަރިން ނުގެންދިއުމަށެވެ. އޭނާއަށްވީ ހާލެއްގައި ކުދިން ބަލާދޭނެކަމަށްބުނެ ރޮމުން ދިޔައެވެ. ކުދިންގައިގާ ހިފާ އޮޅުލާ ރޮމުންދިޔައީ މައިވަންތަކުލުނުން ޖަޒްބާތާއި އެކުގައެވެ. ފުލުހުންނާ ޖެންޑާއިން އެކުދިން މަންމަގެގައިގާ ބައްދާއިގެން ރޮމުންދަނިކޮށް ގަދަކަމުން ދުރުކުރިއެވެ. އެންމެފަހު ނޭވައާ ހަމަޔަށް ދަރިން ދޫކޮށްނުލާނަމޭ ބުނެ ރޮމުން ދަނިކޮށް ކުދިން ދަމާ ކޫއްތާ ދުރުކޮށް ކުދިން ގެންގޮސް ލޯންޗަށް ލިއެވެ. މަންމަގެ ލޮލަށް އޮހުރުނު ކަރުނަތިކި ހިކެންދެން އެ މަންމަ ބިންމަތީގައި އިސްޖަހާލުން ނޫން ގޮތެއްނުވިއެވެ. އެ މަންމަ ދުރުކޮށް ކުދިންނާއި ވަކިކުރީ މުޅިއުމުރަށެވެ. ބައްޕައާއި ދޮންމަންމަޔާއެކު ކުދިން ފުރުވާލިއެވެ.
ފުރަތަމަ ކޮޅުފެނުނީ ދޮންމަންމަގެ ލޯތްބާއި އަޅާލުން ވަރަށް ބޮޑަށް ލިބިގެންދިޔަތަނެވެ. ދެންކަންވެގެންދިޔަ ގޮތް ކޮނޑޭ މީހުންނާއި ހަވާލާދީ ލިބިފައިވާ މައުލޫމާތުން އެނގިގެންދިޔައީ ކުދިންނާއި ދޭތެރޭ އެއްވެސް ވަރަކަށް އަޅާލާފައި ނުވާކަމެވެ. ރަހުމުގެ ކަންފުޅެއްނެތްކަމެވެ. މިކަމުގައި ކުށްވެރިވާނީ ހަމައެކަނި ދޮންމަންމަތޯއެވެ.
އޭރު އެކުދިން ރައްކާތެރި މާހައުލެއް ކަމަށް ގެންގޮސް އެކުދިންނަށް އަނިޔާވެރިވީ ބައްޕަތޯ! ދޮންމަންމަ ތޯ! ޖެންޑާތޯ! މި ކަމާ ސުވާލުއުފައްދަންޖެހެއެވެ. އެހެންވީމަ ޖެންޑާ އޮތީ ނިދާފަބާއޭ ވެސް ހިތައްއަރައެވެ.
ކިޔުންތެރިންނޭއެވެ. މިއީ ދާދި މިދާކަށްދުވަހު ހިނގި ހާދިސާއެކެވެ. 2021 ވަނަ އަހަރުގަ މިކުދިން ޖެންޑާމިނިސްޓްރީގެ ބެލުމުގެ ދަށުން މަންމައަތުން އަތުލާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީއެވެ. 3 ކުދިންގެ މަންމަ އަތުން އަދި މާމަ އަތުންވެސް ކުދިން ނަގާ ކުދިންގެ ބައްޕަ އާއި ކުދިން ހަވާލުކުރިއެވެ.
ފުރަތަމަ ކޮޅުގައި ކުދިންނަށް ދޮންމަންމަ ރަނގަޅުވިނަމަވެސް ކޮނޑޭމީހުން ބުނާގޮތުން ކުދިންނަށް ދޮންމަންމަ ދިޔައީ އަނިޔާކުރަމުންނެވެ. ޖެންޑާއަށް އެކަންރިޕޯޓުކުރުމުން އެކަމަށް ފިޔަވަޅެއްނާއަޅައެވެ. އެކަމަށްދިނީ ބީރުކަންފަތެކެވެ.
ދޮންމަންމައެކޭ އެއްގޮތަށް އެކުދިންގެ ބައްޕަ އެކުދިންނަށް ދިޔައީވެސް ބިރުދައްކަމުންކަމަށް އެރަށުން ވާހަކަދެއްކި މީހުން ބުނެފަވެއެވެ. އަތްބިންދާލާނެ ކަމަށްބުނުމާއި ހަރުއަޑުން ޒުވާބު ކުރާކަމަށްވެސް އެރަށުމީހުން ކިޔައިދީފައި ވެއެވެ. މިއަދު ދޮންމަންމަ އާއި ބައްޕަގެ ކައިވެނި ވެސް ވަނީ ރޫޅިފައެވެ. 4 މަސްވެގެން ދިޔައީއެވެ. 3 ކުދިން މިހާރު ތިބީ 3 ކުދިންގެ ބައްޕަ ފަރާތުގެ 3 މީހެއްގެ ގާތުގައެވެ. ނަމަވެސް އެ އަނިޔާއިން އަދިވެސް އެކުދިން ސަލާމަތެއް ނުވެއެވެ. ނަފްސާނީ ވޭނުން އެކުދިންދަނީ ބިރުވެރިކަން ތަހައްމަލުކުރަން ޖެހިފައެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރުމުން ފުލުހުން ބުނީ މިއީ މީގެ އެއް އަހަރު ކުރީގެ ހާދިސާއެއް ކަމަށެވެ. ކުދިންތިބީ ރައްކާތެރި މާހައުލެއްގައި ކަމަށެވެ. ނަމަވެސް އެކުދިންނަށް ރައްކާތެރި މާހައުލެއް ދެއްކުނުނަމަ މިއަދު އެކަން އެގޮތަށް ވާނެހެއްޔެއެވެ. އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނީ ކުދިން މިހާރުވަނީ ރައްކާތެރި މާހައުލަކަށް ބަދަލުކުރެވިފަ ކަމަށެވެ. މިހާރުވެސް ކުއްޖާގެ ހާލަތު މިނިސްޓްރީން ދަނީ ބަލަމުން ކަމަށެވެ.

