ދިވެހި ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ސައުދީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ،
މިނިސްޓަރު ސައުދީ އަށް ކުރެއްވި ރަސްމީ ދަތުރުފުޅަކީ ސައުދީ ޢަރަބިއްޔާގެ ފޮރިން މިނިސްޓަރ ޕްރިންސް ފައިސަލް ބިން ފަރްހާން އަލް-ސަޢުދުގެ ދައުވަތަކަށް ކުރެއްވި 4 ދުވަހުގެ ދަތުރުފުޅެކެވެ.
މިނިސްޓަރުގެ މި ދަތުރުފުޅުގައި މިނިސްޓަރު ވަނީ މަތީ ފެންވަރުގެ މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން ސައުދީ ސަރުކާރުގެ އިސް ފަރާތްތަކާ ސައުދީ ފަންޑުގެ އިސް ބޭފުޅުންނާ ބައްދަލު ކުރެއްވާފައިވެއެވެ. މީގެ އިތުރުން މި ދަތުރުފުޅުގެ ތެރެއިން ސައުދީގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ފައިސަލް ބިން ފަރްހާން އަލް-ސަޢުދާ އެކު ބައްދަލުވުމެއް ބާއްވަވާފައިވެއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު ވަނީ އިސްލާމްދީނުގެ މަތިވެރި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، އިޤްތިޞާދީ ރޮނގުންނާއި، ބައިނަލްއަގްވާމީ މަސްރަހުގައި އެ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. އަދި ސައުދީ ޢަރަބިއްޔާއިން ރާއްޖެއަށް ވެދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، މި ދަތުރުފުޅަށްފަހު ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނޭކަމަށް އުންމީދުކުރައްވާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އަދި އޭގެ އިތުރުން މިނިސްޓަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ސައުދީ އަރަބިއްޔާގެ ވަލީއަޙުދު އަދި ބޮޑު ވަޒީރު، މުޙައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒަށް ފޮނުއްވި ސިޓީފުޅެއް އެ ގައުމުގެ ފޮރިންގ މިނިސްޓަރަށް އަރުވާފައިވެއެވެ.
މީގެ އިތުރުން މި ދަތުރުފުޅުގައި މިނިސްޓަރު ވަނީ ރާއްޖެއާއި ސަޢޫދީ އަރަބިއްޔާއާ ދެމެދު އޮންނަ އިޤްތިޞާދީ ގުޅުންތައް އިތުރަށް ބަދަހިކުރުމާއި ގުޅޭ ގޮތުންވެސް މުޙިއްމު މަޝްވަރާތަކެއް ކޮށްފައިވެއެވެ.އެގޮތުން އެގައުމުގެ އިންވެސްޓްމަންޓް މިނިސްޓްރީގެ އެސިސްޓެންޓް މިނިސްޓަރާއި ޑެޕިއުޓީ މިނިސްޓަރ އޮފް ފިނޭންސް ފޯ އިންޓަރނޭޝަނަލް ރިލޭޝަންސް އާއި އެ ޤައުމުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރާއި ބައްދަލުކުރެއްވުމުގެ އިތުރުން ސައުދީގެ ޑެޕިއުޓީ މިނިސްޓަރ އޮފް ފިނޭންސް ފޯ އިންޓަރނޭޝަނަލް ރިލޭޝަންސް ޚާލިދު ބަވާޒިއަރއާވެސް ބައްދަލުކުރައްވާފައިވެއެވެ.