“ޙަޔާތުގެ ފިކުރުނެތް ތަނެކޭ، މަރެއްގެ ޚިޔާލު ނެތް ތަނެކޭ
ގަޔާވެވިގެން ތިބޭ މަތިވެރި ޙަޔާތެއްވާ އެއީ ތަނެކޭ”
މިއަދު ގަލަމުގެ ތުނޑުން ލޮލަށް ދައްކުވައިދީ ، ކަންފަތަށް އަޑު އިއްވައިދީ، ދުލަށް ރަހަ ލައްވައިދީ، ނޭފަތަށް ވަސް ދުއްވައިދީ، ހަށިގަނޑަށް އިހުސާސް ކުރުވައިދޭ ލިޔުންތަކަކީއަސާސީ ތަޢުލީމުގެ މަޝްރޫޢު ކާމިޔާބުވިކަމުގެ އަލިގަދަ ހެއްކެކެވެ.
“ދެނެވަޑައިގަންނަވަމުތޯ ﷲ އެއްކައުވަންތަކަން
ދެނެވަޑައިގަންނަމުތޯ މަޙްޝަރު ދުވަސް އަންނާނެކަން.”
ޔަމަނުގެ މައުސޫމާ ކިޔާލުމުން މި އިނދެވެނީ ފިލްމު އަޅުވާ ސިނަމާއެއްގައި ކަހަލަ އިޙްސާސެއް ކުރެވި ކުލަވާ މަންޒަރުތަކެއް ލޮލަށް ސިފަވަމުން ދާނެއެވެ.
“ދަތްދޮޅިން އަތް ނެއްޓިދާފަދަ ހިތް އެކަނިވެރި މީހަކަސް
ރަތްވިލާ ދައްކާ އެ މަންޒަރު ސިފަމަށަށް ކޮށްދޭނުހޭ”
ވަގުތުކޮޅެއް ހޯދައިގެން ” ލޯފަން ކުއްޖެއްގެ ހިތުގެ ސާބިތުކަން ” ކިޔާލާށެވެ. އެންމެ ބައިތެއްގެ އަޑު އިވުނަސް އޭގެ ފުރިހަމަ ކަމުން ދަތްދޮޅިން އަތް ނެއްޓިގެންދާހާ ވާނެއެވެ.
ލިޔަން ކިޔަން ދަސްކޮށްދިނުމުގެ އެންމެ ފުޅައު މަސައްކަތެއް ރާއްޖޭގައި ކުރެވިފައިވަނީ 1980 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުއެވެ. އަސާސީ ތަޢުލީމުގެ މަޝްރޫޢު އިޢުލާންކުރެވުނު އިރު ރާއްޖޭގައި ލިޔަންކިޔަން ނުދަންނަ 19215 މީހުން ތިއްބެވެ. އެއީ އޭރުގެ އާބާދީގެ ނިސްބަތަށް ބަލާނަމަ 18.3 އިންސައްތައެވެ.
1932 ވަނަ އަހަރު ރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީން ރާއްޖޭގެ އެންމެނަށް އުނގެނުމުގެ މިނިވަންކަން ހޯދައިދިނެވެ. ކީރިތި ޤުރުއާން ކިޔެވުމާއި، އަރަބި އަކުރާއި ،ތާނަ އަކުރު ލިޔަން ދަސްކުރަން ކޮންމެ ރައްޔިތެއްގެ މައްޗަށް ލާމިޒުކުރިއެވެ. އަދި 1954 ވަނަ އަހަރު “އިލްޒާމީ ޤާނޫނެއް” ފާސްކުރެވި ލާޒިމު ކަންކަން އުނގައްނައި ދެއްވުމަށް ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ދައުލަތުގެ ފަރާތުން މުދައްރިސަކު އައްޔަން ކުރެވުނެވެ. އޭރުގެ މީހުން ތަޢުލީމަށް ޝައުގުވެރިކޮށް އަޙުލުވެރި ކުރުމުގެ މަޤްސަދުގައި ތަފާތު ލަވަތައްވެސް ހަދައިގެން ކިޔާފައިވެއެވެ. އޭގެ ލަވައެއްގެ ބައިތެއް ކިޔުންތެރިންނާއި ޙިއްސާކޮށްލާނަމެވެ.
“ވަގުތުން ދިމާވާ ކަމެއް ޖެހުނުމުން، މަގުއޮޅި ނުދާހެން އެކަން ކޮށްލުމުން
ލަދުން ހުންނަންޖެހޭ ތަނެއް އައުމުގެ ކުރީން، ލިޔަން ދަސްކުރަމާތޯ ކިޔަން ދަސްކުރަމާތޯ.”
މި ޕޮރޮގުރާމުގައި ފޯރި ޖެއްސުމަށް ޅެންވެރިޔާ ޔޫސުފް މުހައްމަދުފުޅު ވަރަށް ގިނަ ޅެންތައް ހެއްދެވިއެވެ. ” ވަޑައިގަންނަވާށޭ ކިލާހަށް އަސާސީ، ފިލާވަޅު ކިޔައިދެއްވުމަށް ނަންގަވާ” ލަވަ އަކީވެސް އޭނާގެ ޅެމެކެވެ. ހުރިހާ ލަވަތަކުގެ ތެރެއިންވެސް އެންމެ ބޮޑަށް މަގުބޫލުވީ އެ ލަވަ އެވެ. އެ ޕޮރޮގުރާމް ކާމިޔާބުވުމުގެ އިސްރޯލެއް އަދާކޮށްފައިވަނީ ވެސް އޭރު އެންމެ ފޯރީގައި ޖަހަމުން ދިޔަ މި ލަވަ ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. އެ ލަވަ ވިދާޅުވެފައިވަނީ އަސާސީ ތައުލީމު ޕްރޮގްރާމް ކާމިޔާބު ވުމުގައި ގައުމީ އިނާމު ހާސިލް ކުރައްވާފައިވާ ހޮޅުދޫ އަބްދުﷲ އެވެ.
ތެދެކެވެ. ނޭނގުމަށްވުރެ ވަކިން ދެރަކަމެއް ހަމަ ނެތެވެ. 1932 ވަނަ އަހަރު ފެށިގެންދިޔަ އަސާސީ ތަޢުލީމަށް 10 އަހަރު ވީއިރު ރާއްޖޭގެ 90 އިންސައްތަ މީހުންނަކީ ލިޔަންކިޔަން ދަންނަ މީހުންނެވެ. އެއީ ރާއްޖޭގައި ލިޔަންކިޔަން ދަތުމުގެ ދާއިރާގައި ހިންގުނު ބޮޑު މަޝްރޫއު ކަމަށްވާ “އަސާސީ ތަޢުލީމުގެ މަޝްރޫޢު” ގެ ދަށުން ލިބުނު ފޮނި ކާމިޔާބީގެ ނަތީޖާއެވެ. އެހެންކަމުން ލިބުނު ކާމިޔާބީ ކޮންމެވެސް ސިފައެއްގައި ފާހަގަ ކުރުމަށް 1967 ވަނަ އަހަރު ސެޕްޓެމްބާރ 8 ކަމުގައި ކަނޑައަޅައި ބައިނަލް އަޤްވާމީ ލިޔަން ކިޔަން ދަތުމުގެ ދުވަސް ކަމުގައި ކަނޑައެޅުނެވެ.
ލިޔަން ކިޔަން ދަންނަ މީހާއަށް މި ދުނިޔެއާއި، ދުނިޔޭގެ ގުޅުންތަކާއި ވަސީލަތްތައް އެނގި ތިމާވެއްޓާއި އެ ވެށީގެ އެކަތި އަނެކަތި ގުޅިފައިވާ ގުޅުމުގެ ޗޭނުގެ ބޮޅުތައް އެތުރިފައިވާ ގޮތް ވިސްނުމަކީ ،އިންސާނާ ދިރިއުޅޭ މުޖްތަމައަށް އޭނާގެ ފަރާތުން އެހީތެރިކަން ލިބޭނެ ކަމެކެވެ.
“ޓެކްނޮލޮޖީ އަށް ބަރޯސާވެފައިވާ ދުނިޔެއެއްގައި ލިޔަންކިޔަން ނޭނގި އަސާސީ ހައްގުތަކާއި ފުރުސަތުތަކެއް ނުލިބޭނެއެވެ.” އެހެން ކަމުން ކޮންމެ މީހަކީވެސް ލިޔަން ކިޔަން ދަންނަ މީހަކަށް ވުމަށް މަސައްކަތް ކުރަންޖެހޭނެއެވެ.
އިއްޔެއަކީ ދިވެހި ރާއްޖޭގެ ލިޔަންކިޔަން ދަތުމުގެ ދުވަހެވެ. އުނގައްނައި ދިނުމަކީ ބުރަ އެހެނަސް ނަތީޖާ ފޮނި މަސައްކަތެކެވެ. މިއަދު ރާއްޖެއަކީ ލިޔަންކިޔަން ދަތުމުގައި ދުނިޔޭގެ ނިސްބަތުން ފާހަގަކޮށްލެވޭ ޤައުމެކެވެ.
ރާއްޖޭގެ އާބާދީގެ 100 އިންސައްތަ މީހުންނަކީ ލިޔަން ކިޔަން ދަންނަ ބަޔަކަށް ހެދުމަށް ތަޢުލީމީ ވުޒާރާއިން ކުރައްވަމުން ގެންދަވާ މަސައްކަތަށް ނުހަނު ޝުކުރު ހައްޤެވެ. އަދި އެ ފަދަ ތަޢުލީމީ ވުޒާރާއެއްގައި މަސައްކަތްކުރާނޭ ޤާބިލު ފަރާތްތައް އުފެއްދުމަށް އޭރުގެ އަސާސީ ތަޢުލީމުގެ މަޝްރޫއުގައި މަސައްކަތްކޮށް އެ ޕްރޮގުރާމް ހިންގެވި ކުރީގެ ރަޢީސް މައުމޫނަށާއި،އެކަމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ ހިއްސާދާރުން ހިމެނޭ ކަމުން އެ ފަރާތްތަކަށް ޢިޣްލާސްތެރި ޝުކުރެއް އަރިސްކޮށްލަމެވެ. އުނގައްނައިދޭ އެނދުރެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ ދުޢާއަކީ އެންމެ ފަހުން ތަޢުލީމާ ބެހޭގޮތުން ފާސްކުރެވުނު ޤާނޫނަކީވެސް ދިވެހި ރާއްޖޭގެ ތަޢުލީމީ ނިޒާމަށް އާރޯކަން ގެނެސްދޭނޭ ހެޔޮ ބަދަލެއްކަމުގައި ވެގެން ދިޔުމެވެ. ދިވެހި ރާއްޖޭގައި ތަޢުލީމީ ޖީލެއް ބިނާވެގެން ދިޔުމެވެ.


ވަރަށް ފުރިހަމަ