ސްޓެލްކޯގެ ނަމުގައި އޮޅުވާލައިގެން ބަޔަކު އެކި މީހުންނަށް ގުޅަމުންދާތީ އެކަމަށް ސަމާލުވުމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީ މިއަދު އިލްތިމާސް ކުރައްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ ސްޓެލްކޯގެ ނަމުގައި އޮޅުވާލައިގެން ބަޔަކު ކޯލްތަކެއް ކުރަމުންދާކަން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
ފަހުމީ ވިދާޅުވީ ސްޓެލްކޯއިން ދުވަހަކުވެސް އަމިއްލަ ނުވަތަ މާލީ މައުލޫމާތަށް އެދިގެން ކަސްޓަމަރުންނަށް ނުގުޅާނެ ކަމަށެވެ. އަދި މިފަދަ މައުލޫމާތެއް ހޯދަން ގުޅައިފިނަމަ އަމިއްލަ އެއްވެސް މައުލޫމާތެއް ހިއްސާ ނުކޮށް އެކަން ސްޓެލްކޯއާ ހިއްސާކުރުމަށް ވެސް ފަހުމީ އެދިވަޑައިގެންނެވިއެވެ.
މީގެއިތުރުން ފަހުމީ ވަނީ ސީދާ ސްޓެލްކޯއަށް ގުޅައިގެން މުއާމަލާތްތަކުގެ ސައްހަކަން އަބަދުވެސް ކަށަވަރުކުރުމަށް އިލްތިމާސްކުރައްވައިފައެވެ.
ކަސްޓަމަރުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ސްޓެލްކޯއިން ދާދިފަހުން ވަނީ ހޮޓްލައިނެއް ގާއިމުކޮށްފައެވެ. ހޮޓްލައިން ނަންބަރަކީ 1545 އެވެ.