ތެލަސީމިއާއަށް ހޭލުންތެރިކަން އިތުރުކުރުމަށް ހެލްތު މިނިސްޓްރީން މިއަހަރު ފެށި ޕްރޮގްރާމުގެ ދަށުން މާލޭ ސަރަހައްދުގެ ގްރޭޑް 10 ގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގި ޕްރޮގްރާމް ނިންމާލައިފިއެވެ.
ހެލްތު މިނިސްޓްރީން ބުނީ ގްރޭޑް 10 ނިމުމުގެ ކުރިން ތެލަސީމިއާ ސްކްރީނިންގ ކުރަންޖެހޭނެ ކަމަށް ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން ރޭވިފައިވާ ޕްރޮގްރާމުތަކުގެ ދަށުން ފުރަތަމަ މަރުހަލާގެ ތެލަސީމިއާ ސްކްރީން ކުރުމާއި ތެލަސީމިއާއަށް ހޭލުންތެރިކުރުން މާލޭގައި ނިންމާލައިިފައިވާއިރު، 4004 ދަރިވަރުން ސްކްރީންކޮށް ނިމިފައިވާ ކަމަށެވެ.
މީގެއިތުރުން މާލެ ސަރަހައްދުގެ ސްކޫލުތަކުގެ ގްރޭޑް 10 ގެ 124 ބެލެނިވެރިންނާއި 198 އަށް ދަރިވަރުންނަށް ތެލަސީމިއަށް ހޭލުންތެރިކުރުމުގެ މައުލޫމާތު ދީފައިވާ ކަމަށާއި އަތޮޅުތެރޭގައި މިހާތަނަށް 76 ކުދިން ތެލަސީމިއާއަށް ސްކްރީންކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހި ހިންގާފައިވަނީ ހެލްތު މިނިސްޓްރީއާއި އެޑިއުކޭޝަން މިނިސްޓްރީއާއި މޯލްޑިވިއަން ބްލަޑް ސަރވިސް ގުޅިގެންނެވެ.
ސަރުކާރުން މިހާރު ވަނީ ތެލެސީމިއާއަށް ފަރުވާ ހޯދަމުންދާ ކުދިންނަށް މިހާރު ދެވޭ ޚިދުމަތްތައް ފުޅާކުރުމަށް، ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭނެ މަގުފަހިކޮށްދީފައެވެ. އެގޮތުން ބޯންމެރޯ ހެދުމަށް މިހާރު ބައެއް ކުދިން ވަނީ ރާއްޖެއިން ބޭރަށް ގޮސްފައެވެ.
ސަރުކާރުން ނިންމާފައިވަނީ ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފަސޭހަ އަދި ދެމެހެއްޓެނިވި ނިޒާމެއް ގާއިމުކުރުމުގެ ގޮތުން ކުރުރާސްތާގައި ހުރިހާ އެސެސްމެންޓެއް ހެދި ބޯންމެރޯ ހެދުމަށް ފައިނަލްވާ ކުދިން، ކޮންމެ އަހަރަކު ކަނޑައެޅިފައިވާ މިންވަރަކުން ބޯންމެރޯ ހެދުމަށް ފޮނުވަމުންދިއުމަށެވެ.
ހަމައެއާއެކު ދުރު ރާސްތާގެ ހައްލެއްގެ ގޮތުން 2028 ވަނަ އަހަރުން ފެށިގެން އަހަރަކު 10 ކުދިންނަށް ބޯންމެރޯ ހެދޭނެ އިންތިޒާމު ކަށަވަރުކުރުމަށާއި ވަށާޖެހޭ ހައްލެއްގެ ގޮތުން ތެލަސީމިއާއަށް ޚާއްސަ ހޮސްޕިޓަލެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފައެވެ.