އަޠްހަރުގެ މަރާ ގުޅިގެން ތިން ތަހްގީގެއް ކުރިއަށްދާނެ ކަމަށް ދާޚިލީ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ދާޚިލީ ސަލާމާތާއި ފަންނިއްޔާތާއިބެހޭ ވުޒާރާއިން ނޫސްވެރިންނަށް ޚާއްސަކޮށްގެން އިސްކަންދަރު ކޮށީގައި ރޭ ބޭއްވި ބައްދަލުކުރެއްވުމެއްގައި މިނިސްޓަރު ވިދާޅުވީ ފަހަކަށްއައިސް ބަނދުގައި ހުއްޓާ މީހަކު މަރުވެއްޖެނަމަ ޢާއިލާއާއި ހަށިގަނޑު ހަވާލުކުރުމުގެ ކުރިން އޮޓޮޕްސީ ހެދުން އުސޫލެއް އޮންނަ ކަމަށެވެ. އެގޮތަށް ޢަމަލުކުރަނީ ޖަވާބުދާރީވުމުގެ ގޮތުންކަމަށާއި އެގޮތަށް އަޠްހަރުގެ މަރުގަވެސް އެކަން ކުރާނެ ކަމަށެވެ.
މިކަމާއިގުޅޭ ވަކި 3 ތަހުޤީޤެއް ކުރިއަށްދާކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ކަންހިންގައިދިޔަ ގޮތް ފުލުހުންނާ،އަދި ހިއުމަން ރައިޓްސް ކޮމިޝަންއާއި، ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުން ބަލާނެ ކަމަށް ވިދާޅުވިއެވެ. އަދި މި މަންޒަރުތައް ބައިނަލްއަޤްވާމީ ފަރާތަކުން އެދިލައްވައިފިނަމަ ފޯރުކޮށްދޭން ތައްޔާރަށްތިބިކަން ވަޒީރުވަނީ ފާހަގަކުރައްވާފައެވެ
އަޠްހަރު ހޮސްޕިޓަލުގައި އެޑްމިޓް ކުރީ އާދީއްތަދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭނާ ނިޔާވީ ހޯމަ ދުވަހު ހަވީރު 16:08 އެހާއިރުކަމަށެވެ. އަދި މަރުވި ސަބަބު ދެނެގަތުމަށްޓަކައި ހަށިގަނޑުގެ އޮޓޮޕްސީއެއް ހެދުމަށް ނިންމާފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ނަމަވެސް އޭނާގެ ހަށިގަނޑުގެ އޮޓޮޕްސީއެއް ހެދުމަށް އާއިލާ އިން ދެ ކޮޅެވެ.