ލިޔުއްވީ: އާދަމް ނަސީރު އިބްރާހީމް (ސަމާސާއަދަބުގެ ތެރެއިން ލިޔުއްވުމެއް)
40 އަހަރު ފުރުމުން ބޮޑު މީހަކަށް ވާކަމަށް ދިވެހީން ބުނެއުޅެއެވެ. އެހެން ކަމަށް ވަންޏާ އެ ޝަރަފު އަޅުގަނޑަށް ލިބިފައިވާތާ ދުވަސްކޮޅެއް ނުވަތަ އަހަރުކޮޅެއް ވެއްޖެއެވެ. ވަރަށް ބޮޑު އުފަލެއް އެހެން ނޫންތޯއެވެ. މިހާރު ޑަކުޓަރަށް ދައްކައިލާން ދާ އިރަށް ވެސް ވަރަށް ގިނަ ފަހަރަށް މި ފަޚްރުވެރި ޝަރަފުގެ މަތިން ހަނދާންކޮށްދެއްވައެވެ. ވަރަށް ފަހުން ދިމާވި ކަމަކީ ފޮތްފޮތުގައި ހުރި މަޢުލޫމާތު ނުވަތަ އަކުރުތައް ހަމަ ކުއްލިޔަކަށް މާ ފުނަށް ފީނައިގަތީއެވެ.
އަޅުގަނޑު ފޮތް ހުޅުވައިލައި ބަލައިލީމާ އަކުރު އަކުރު މި ފެންނަނީ ހޭ ފަށު ގަލެއްގެ ކައިރިޔަށް ފަތިހު އެންދަމާން އަޑިޔަށް ގޮސް އޮތް މީހަކު ފެންނަ ކަހަލަ ގޮތަކަށެވެ. ކާކުކަމެއް ކޮން ސިފަޔެއްގެ އާދަމުގެ ދަރިޔެއްކަމެއް ވަަތްކެއް ނުވެއެވެ. އަކުރުތައް ވެސް ހަމަ މި ފަދައެވެ. ދެން ތިޔަ ބޭފުޅުން ހިތްޕުޅަށް ގެންނަވާނީ “ތާރޭ ޒަމީން ޕަރު” ކަން ނޭނގެއެވެ. ކުރާނެކަމެއް ނެތެވެ. ކޮންމެޔަކަސް މި ކަމާ ޑަކުޓަރަށް ދައްކައިލެވިއްޖެއެވެ.
ފުރަތަމަ ދެއްކީ ހަށިގަނޑުގެ އެތެރެފުށް ބައްލަވާ ޒާތު ޑަކުޓަރަކަށެވެ. އޭނާގެ ބެއްލެވުންތަކުން އެނގުނީ އެތެރޭގައި ކުރިން ހުރި ލޭ މިހާރު ހަކުރަށް ބަދަލުވެފައިވާކަމެވެ. ކަނދުބުޑުލައި ފޯދި ދުވަސްކޮޅެއް ފަހުން ދިވެހި ރުއްރުކަށް ވެސް ވާ ގޮތެވެ. ކޮންމެޔަކަސް ލޮލުގެ ޑަކުޓަރަކަށް ދައްކަން ވިދާޅުވިއެވެ.
ލޮލުގެ ޑަކުޓަރު ބައްލަވައިފައި ދެއްވީ އިންތިހާ އުފާވެރި ދެ ޚަބަރެކެވެ. އެއް ޚަބަރަކީ ލޮލުގައި އެއްވެސް މައްސަލައެއް ނެތެވެ. ލޯ ހުރީ ހަމަ ސަލާމަތުންނެވެ. ދެރަކަމަކަށް މި އޮތީ ނުފެންނަކަން އެކަންޏެވެ. އެ ނޫނީ ހަމަ އެއްވެސް މައްސަލަޔެއް ނެތެވެ. ކޮންމެޔަކަސް ޑަކުޓަރަށް ދެއްކި އިރު ވެސް ލޮލުގެ ދެ އޮށް ވެސް ހަމަޔަށް އޮތް ކަން އަޅުގަނޑަށް ވެސް އެނގެއެވެ. ކަންބޮޑުވެގެން މި އުޅެނީ ފެނުމަށް އައި ކުއްލި ބަދަލުންނެވެ. އެހެންވެ މި ސުވާލު ދަންނަވައިލެވިއްޖެއެވެ. ވިދާޅުވީ އެއްވެސް ގެއްލުމެއް ލޮލަށް ލިބިފައި ނެތް ކަމަށެވެ. ކަންބޮޑުވާނެކަމެއް ނެތެވެ. 40 އަހަރު ވީމާ ވާ ގޮތެވެ. އަނެއްކާ ވެސް ދެ ކޮނޑު އުފުއްލައިލަން ޖެހުނީ ދޮގެއްތޯއެވެ.
ޑަކުޓަރުގެ ކޮޓަރީން ނިކުތީ އެތައް ފަހަރަކު ދެންނެވީމާ ބޭސް ސިޓީގައި ލިޔުއްވައިދެއްވި ދެ ފުޅި ބޭސް ގަނެލުމުގެ ނިޔަތުގައެވެ. އެ ވާހަކަ ބުނެލެވުނު ތަނާ ހަމަ އެ ކުލިނިކުން އެކަމަށް ވެސް އިޖާބައެއް ލިބިއްޖެއެވެ. އިސްތިޤުބާލުގެ ކޮށިގަނޑުގައި އިން ކުއްޖަކު ބުނީ މި ތަނުން ބޭސް “ނަގައިލެވޭނެ” ކަމަށެވެ.
“އަޅުގަނޑު މި ތަނުން ބޭސް ނަގައިލަދީފާނަން،” ކުއްލިޔަކަށް ހުއްޓެވިއްޖެއެވެ. ދިވެހީން ބުނެ އުޅެނީ ލޮލު ބޭހަކީ އެންމެ އަގުބޮޑު އެންމެ ނާދިރު ބޭސްކަމަށެވެ. އެއީ ހޯދާން ވެސް އެހައި އުނދަގޫ އެއްޗެކެވެ. އަޅުގަނޑުމެން ކުޑައިރު ލޮލަށް ބޭހެއް ހަދާން ވެއްޖެއްޔާ ބޭސްވެރިޔާ އެ ކިޔައިދޭ ލިސްޓު ހަމަ ކުރާން މުޅި ރަށުގައި ދުވާން ޖެހެއެވެ. ފިހާރަފިހާރަޔާއި ގޯތީގޯތީ ގިފިލިތެރެޔާ ވަލުތެރޭގައެވެ.

އަޅުގަނޑުމެން ކުޑައިރު ލޮލަށް ބޭހެއް ހަދާން ވެއްޖެއްޔާ ބޭސްވެރިޔާ އެ ކިޔައިދޭ ލިސްޓު ހަމަ ކުރާން މުޅި ރަށުގައި ދުވާން ޖެހެއެވެ
އަޅުގަނޑު އަހައިލީމެވެ. ބޭސް ނަގައިލަނީ ކީއްކުރަންތޯއެވެ. “ދެއްވާ! ބޭސް ސިޓީ!“ ބޭސް ސިޓީ ވެސް ދީފީމެވެ.
“ޑަކްޓަރު އެބަ އިން ލިޔެފަ. ދެފުޅި ބޭސް ނަގައިލަން ޖެހޭ،” ޖަވާބު ލިބުނެވެ.
ދެން ކުރާނެކަމެއް ނޯންނާނެ ދޮގެއްތޯއެވެ. ޑަކުޓަރު އެ ޑަކުޓަރުގެ ކޮޓަރީގައި އެ އިނީ ބޭސް ސިޓީގައި މިހެން ލިޔެފައި ތާ އެވެ. އަޅުގަނޑަށް އަންގަވައިފައި އޮތް ގޮތާ ބޭސް ދޫކުރާ މީހާޔަށް އަންގަވައިފައި އޮތްގޮތް ތަފާތީ ތާއެވެ. ކޮންމެޔަކަސް ބޭސް ސިޓީ ހަވާލުކޮށްލައިގެން އެބަ ހުންނަމެވެ. އިސާހިތަކު ދެ ފުޅި ބޭސް އަޅުގަނޑު އަތަށް ގެނެސްދީފިއެވެ. އެ ހިސާބުން އެރި އޮޅުމަށް ކޮންމެ ވެސް ދޭހައެއް އަަތުވެއްޖެ ކަހަލައެވެ. ހިތް ބުންޏެވެ. ބޭސް ނެގުމާއި ބޭސް ނަގާލުމާއި ބޭސް ކައިލުމާއި ބޭސް އުކައިލުމުގައި ވެސް މި ޒަމާނުގައި މި އޮތީ އެއް މާނައެއް ތޯއްޗެކެވެ. އަދި ނުނިމޭ ދޮގެއް ތޯއެވެ. މި ބޭސް ބޭނުން ކުރާނީ ކިހިނެއްތޯ ބަލަން ޖެހޭނެއެވެ. ސުވާލެއް ނުކުރަނީސް ޖަވާބު ލިބުނެވެ. “ދެ ލޮލަށް ތިއްކެއް އިނގޭތޯ ޖަހާނީ“ އަމިއްލަ ނަފުސަށް ސުބުޙާނަﷲ އޭ ބުނެލެވުނެވެ.
40 އަހަރުވަންދެން ޑަކުޓަރަށް ދެއްކުނު އިރުވެސް މި ވަރުގެ ދަތި އުނދަގޫ ގޮތަކަށް ބޭނުން ކުރަން ޖެހުނު ބޭހަކާ ދިމާ ނުވާތީއެވެ. ވަރަށް ކުޑަ އިރު، އެއް ދުވަސްވަރެއްގައި ރަށްފުށުގައި ކުޑަކުދީންނަށް ހުންބޭސް ދިނުމުގައި މައިންބަފައިން ކޮލުދަތުން އެއްގުޅަބޭސް ހަތަރު ފަޅިޔަށް ފަޅައިފައި ކުއްޖަކަށް އެތިކޮޅެއް ދީ އުޅުނު ހަނދާން އެބަ ހުއްޓެވެ. އެކަމަކު ބޭސް ތިއްކެއް ދެ ލޮލަށް ބަހާނެ ގޮތަކާ މެދު ހަމަ ވިސްނައިވިސްނައިވެސް އޭގެ ޖަވާބެއް ހިތަކަށް ނޭނގުނެވެ. ހިތަށް އެރިއެވެ. ލޮލަކަށް ތިއްކެއް ޖަހަން ހުއްދަ އޮތް ނަމަ ހާދަހައި ފަސޭހަ ވީހެވެ.
ކޮންމެޔަކަސް މި ލިޔުން ލިޔެލި ހަގީގީ ބޭނުމަކީ މި ހަގީގީ ހާދިސާއިން ތިޔަ ބޭފުޅުންނާ ސަމާސާ ކޮށްލުމެއް ނޫނެވެ. ހަގީގީ ބޭނުމަކީ ރަނގަޅަށް މުވާސަލާތުކުރުމުގެ ހުނަރަށް ދިވެހި ރާއްޖެ މުހުތާދުވެފައި އޮތް މިންވަރު ދަންނަވައިލުމެވެ. ދިވެހި ބަހުން އެ ކަން ކުރެވޭނެއެވެ. ދުނިޔޭގައި އުނގަންނައި ދިނުމުގެ ދާއިރާގެ މި ޒަމާނުގެ މިންގަނޑަކީ ފުރިހަމަޔަށް ތަޢުލީމު ޙާޞިލުވެފައިވާ ދަރިވަރަކު ނަމަ އެ ދަރިވަރެއްގެ ކިބައިގައި ހަތަރު ހުނަރެއްގެ ޤާބިލުކަން ފުރިހަމައަށް ހުންނާން ޖެހޭނެއެވެ. އެއީ މުވާޞަލާތުކުރުމުގެ ޤާބިލުކަމާއި ގުޅިގެން އުޅުމުގެ ގާބިލުކަމާއި އުފެއްދުންތެރި ވިސްނުމާއި ތަންގީދީ ވިސްނުމުގެ ގާބިލުކަމެވެ. މި ހަތަރު އަސާސަކީ ވެސް ބަހުގެ ގާބިލުކަމާ ގުޅިފައިވާ ނުވަތަ ބަހުގެ ގާބިލުކަމުގެ މައްޗަށް ބިނާވެފައިވާ ކަންކަމެވެ. 21ވަނަ ޤަރުނުގެ ދަރިވަރަކަށް މި ހުނަރުތައް ފުރިޔަމަޔަށް ވާޞިލުވާން ޖެހެއެވެ.
އިރުޝާދެއް ދޭ އިރު ވެސް އޭގެ އެންމެ ލަފުޒެއް ބުނެވޭ ގޮތުން އުފެދޭ ފުށުއެރުން މި ހާދިސާއިން ފެނިވަޑައިނުގަނޭތޯއެވެ؟ ބަހުގެ ހަމަޔާ ޚިލާފަށް ބަސް ބޭނުންކުރެވުނީމާ ދެ ފަރާތަށް ކީއްތޯއެވެ؟ މުޅި ވިޔާފާރިޔަށް ވެސް އެއިން އެ ކުރާ އަސަރު އެއީ އެ ގޮތުގައި ކަމަކަށް ނުހަދައި ދޫކޮށްލާންވީ ކަންކަމެއް ނޫނެވެ.
ދުނިޔޭގެ އެހެން ތަންތާނގައި މި ހުންނަނީ ބޮޑެތި ކަންކަމެވެ. ބޮޑު މީހަކަށް ވެފައިވީތީ އަޅުގަނޑަށް ވެސް މި ލައްވާލީ ބޮޑުކަމަކާއެވެ. ޤައުމީ ނިސްބަތުގައި މި ކަން ބޮޑެވެ. ކުންފުނިތަކާއި އޮފީސްތަކުގެ ނިސްބަތުގައި މި ކަން ބޮޑެވެ. ހަމަ ކޮންމެ މީހެއްގެ އަމިއްލަ ނިސްބަތުގައި މިއީ ފިސާރި މާސިންގާ ބޮޑު ބިޔަ ކަމެކެވެ.
އެހެނީ އަޅުގަނޑުމެން ކުރާ މޭކަޕު ރީތި ކުރާ ފަދައިން އަޅުގަނޑުމެން ބަސް ބުނާ ގޮތް ވެސް އޮމާންކޮށް ހިމުންކޮށް ރީތިކޮށް ހުރުމަކީ އެ ބަސް ބުނާ މީހާއާއި އަދި އެ މީހަކު އެ ވަގުތަކު އެ ނިސްބަތްވާ ތަނެއްގެ ރީތިކަން ވެސް އެތައް ގުނަޔަކަށް އިތުރުކޮށްދޭ ކަމެކެވެ. މި ބަހަށް މިޒަމާނުގެ ޢިލްމީ އެތައް އެތައް ދިރާސާއެއް އެބަ ހެކިދެއެވެ.