ލޮލުރޯގާއިން ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.
މިކަން ހާމަކޮށް އެ އިދާރާއިން ވަނީ އެކްސްގައި ޕޯސްޓެއް ކޮށްފައެވެ. ޕޯސްޓުގައި އެ އިދާރާއިން ވަނީ މި ބަލީގެ އަލާމަތްތަކާއި އެ ބަލިން ރައްކާތެރިވުމަށް ކުރެވޭނެ ކަންކަން ހިއްސާކޮށްފައެވެ.
މި ބަލީގެ އަލާމަތްތައް:
- ހުން އައުން
- ލޯ ހިރުވުން
- ލޮލުން ފެންއައުން
- ލޮލުގައި މަޑުހެދުން
- ލޯ ރަތްވުން
ލޮލުރޯގާ ޖެހިއްޖެނަމަ ނުވަތަ ޖެހިއްޖެކަން ޝައްކުވެއްޖެނަމަ ވީހާ ވެސް އަވަހަކަށް ޑޮކްޓަރަށް ނުވަތަ ސިއްހީ އެހީތެރިއަކަށް ދައްކައިގެން ފަރުވާ ހޯދުމަށް އެޗްޕީއޭ އިން އެދެއެވެ.
ލޮލުރޯގާ އިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން:
- ގިނަ ގިނައިން ސައިބޯނި ލައިގެން އަތްދޮވުން
- އާންމުކޮށް އަތްލާ ތަކެއްޗާއި ތަންތަން ސާފުކުރުން
- ލޮލުގައި އަތްލުމާއި ނުވަތަ ލޯ އުނގުޅުމުން ދުރުހެލިވުން
- ބޭނުންކޮށްފައިވާ ޓިޝޫ ފަދަ ތަކެތި ރައްކާތެރިގޮތުގައި ނައްތާލުން
- ލޮލުރޯގާ ޖެހިފައިވާ މީހަކު ލޮލަށް އަޅަން ބޭނުންކުރާ ބޭސްފުޅި ބޭނުންނުކުރުން
ލޮލު ރޯގާ އަކީ ބެކްޓީރިއާ އަދި ވައިރަސްގެ ސަބަބުން ޖެހޭ ބައްޔެކެވެ. މި ބައްޔަކީ ދިވެހިންގެ ތެރޭގައި އަބަދު ވެސް އުޅޭ ބައްޔެކެވެ. މި ބަލީގެ އެންމެ ގިނަ ވޭދަނަ ރިޕޯޓު ކޮށްފައިވަނީ ނިމުނު އަހަރުގައި ކަން ފާހަގަކޮށްލެވެއެވެ.