އިމިގްރޭޝަންގެ ޚިދުމަތް އިތުރަށް ޒަމާނީކޮށް ބިދޭސީން އުޅެނީ ޤަވާއިދުގެ ތެރެއިންތޯ ބަލާލެވޭ އެޕްލިކޭޝަނެއް ހެދުމުގެ މަސައްކަތް އިމިގްރޭޝަނުން ފަށައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު އެވެ. ޝަމްއާން މިކަން ހާމަކޮށްފައިވަނީ ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުންނެވެ. ޝަމްއާން ވިދާޅުވީ މީގެކުރިން އިމިގްރޭޝަންގައި މަސައްކަތްތައް ކުރެވެމުންދިޔައީ މެނުއަލްކޮށް ކަމަށާއި ނަމަވެސް އެކަން ބަދަލުކޮށް ޒަމާނާ އެއްގޮތަށް މަސައްކަތް ޑިޖިޓަލައިޒްކުރައްވަން މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ބިދޭސީ މީހާ އުޅެނީ ޤަވާއިދުގެ ތެރެއިންތޯ މޯލްޑިވްސް އިމިގްރޭޝަންގެ އޮފިސަރުންނަށް ބަލާލެވޭ އެޕްލިކޭޝަނެއް ތައާރަފުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އިމިގްރޭޝަން ވޮޗްއަކީ މި މަސައްކަތުގެ މި މަސައްކަތުގެ ބައެއްކަމަށެވެ. އަލަށް ތައާރަފްކުރުމުގެ މަސައްކަތް ފަށާފައިވާ އެޕްލިކޭޝަނާއި އެކު އިމިގްރޭޝަންގެ މަސައްކަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ޝަމްއާން ވިދާޅުވިއެވެ.
އިމިގްރޭޝަން ވޮޗް އަކީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ރިޕޯޓް ކުރުމަށް ހާއްސަކޮށްގެން އިމިގްރޭޝަން އިން ތައާރަފްކޮށްފައިވާ އޮންލައިން ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމް ތައާރަފްކޮށްފައިވަނީ މި ހިނގާ 2024 ޖުލައި 17 ގައެވެ. އިމިގްރޭޝަން ވޮޗް މެދުވެރިކޮށް އާންމުން ހުށަހަޅާ މައްސަލަތައް ބަލާ، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އިމިގްރޭޝަނުން ޑީޕޯޓް ކުރެއެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަން ތަކުގައި ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަން ގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. މި އޮޕަރޭޝަންގައި އަތުލައިގަންނަ އެއްވެސް ބިދޭސީ އަކަށް ދެވަނަ ފުރުސަތެއް ނުދޭނެއެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަން ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ފުޅާކޮށް ރާއްޖޭގަ ތިބި ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނެސް ބިދޭސީންގެ މައްސަލައަށް 3 އަހަރުތެރޭ ޖުމްލަ ހައްލެއް ގެނައުމަކީ ސަރުކާރުގެ އަމާޒެކެވެ.