ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ ދިވެހިރާއްޖޭގެ އަދުގެ ތާރީޚުގެ މުސްލިހު ކަމަށް ދިވެހިބަހާއި ސަގާފަތާއިި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު ވިދާޅުވެއްޖެއެވެ.
ވަޒީރު އާދަމް ނަޞީރު މިހެން ވިދާޅުވީ ގައުމީ ދުވަހުގެ މުނާސަބާގައި ހއ.އުތީމުގައި ހުންނަ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގައި ރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ވަޒީރު ވިދާޅުވީ ރައީސް ޑރ. މުޢިއްޒު ފަށްޓަވާފައިވަނީ އިސްލާހީ މަސައްކަތެއް ކަމަށާއި އެމަނިކުފާނު ކުރައްވަމުން ގެންދަވަނީ ރާއްޖޭގެ އަޚުލާގު އިސްލާހު ކުރައްވައި، ރާއްޖޭގެ މިނިވަންކަން ބާރުގަދަކުރައްވައި އިސްލާހު ކުރެއްވުމުގެ މަސައްކަތް ކަމަށެވެ. އަދި ރާއްޖޭގެ މަސައްކަތްތެރިކަން އިސްލާހު ކުރައްވައި، ޒުވާނުންގެ ހުނަރާއި ފަންނުވެރިކަން އިއާދަކޮށް، އިސްލާހު ކުރެއްވުމުގެ މަސައްކަތް ކަމަށެވެ.
މީގެއިތުރުން އެމަނިކުފާނު ގެންދަވަނީ ދިވެހިންގެ ތާރީޚާއި ތަރިކަތައް ދިވެހިންގެ ހިތްތަކަށް، ދިވެހިންގެ ދިރިއުޅުމުގެ ބައެއް ކަމަށް ގެންނަވައި، ދިވެހިން، ދިވެހިންގެ ރޫހުގައި ދިވެހިންގެ ގޮތުގައި ދިވެހިންނަކީ ކޮންބައެއްކަން އެނގޭ ޒަމާނެއް އަތުރައިލައްވައި އިސްލާހު ކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
އެހެންކަމުން ރައީސް ޑރ. މުޢިއްޒަކީ ދިވެހިރާއްޖޭގެ އަދުގެ ތާރީޚުގެ މުސްލިހު ކަމަށާއި އެމަނިކުފާނަކީ ރާއްޖޭގެ އަދުގެ ތާރީޚުގައި ދިވެހިން އަލުން އާ ހަގީގަތްތަކެއްގެ މައްޗަށް ހޭލައްވާލުމުގެ ބާނީ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެމަނިކުފާނު މި ޖަލްސާއަށް ވަރަށް ޚާއްސަ ސަމާލުކަމެއް ދެއްވި
މި ޖަލްސާ އުތީމުގައި ބޭއްވުމަށްޓަކައި ބޭއްވުމުގެ މުހިންމުކަމާބެހޭ ގޮތުން އަޅުގަނޑަށް ވަރަށް މަޝްވަރާދެއްވި
އަދި މިކަން ރަނގަޅު ގޮތުގައި ކުލަގަދަ ގޮތުގައި ކުރިއަށް ގެންދިއުމަށް ހިތްވަރު ދެއްވި. އެ ސަބަބަށްޓަކައި ރައީސްއަށް މަރުހަބާއާއި ޝުކުރު އަދާކުރައްވައި ވަޒީރު ވިދާޅުވިއެވެ.
ގައުމީ ދުވަހަކީ ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަން ކުރެވުނު ދުވަހެވެ. އެކަން ހިނގީ ހިޖުރައިން 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލްމަހުގެ އެއްވަނަ ދުވަހުއެވެ. ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރެއްވީ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމެވެ.
ވަޒީރު ވިދާޅުވީ ގައުމީ ދުވަހަކީ ޒަމާންވުމަކުން އޭގެ ޒިކުރާއަކަށް ފަނޑުކަމެއް އަންނަ ދުވަހެއް ނޫން ކަމަށެވެ.