ރާއްޖޭގެ ތައުލީމީ ދާއިރާގެ ތެރެއިން “ސްކޫލް ސްޕޯޓްސް ސިސްޓަމް” އެއް ގާއިމްކުރުމަށް ނިންމާފައިވާކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިދިޔަ ހުކުރު ދުވަހު ނ. ހޮޅުދޫގައި އޮތް “ހޮޅުފަހި އެވޯޑު” ހަފްލާގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުންނެވެ. މި ސިސްޓަމްގެ ދަށުން ކުޅިވަރުގެ ތެރެއިން ރިވެތި އަހުލާގު ދަރިވަރުންނަށް ދަސްކޮށްދީ އަދި ސްޕޯޓްސް ޓީޗަރުން ޓްރެއިން ކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
“ކުޅިވަރުގެ ތެރެއިން ރިވެތި އަހުލާގާ ސުލޫކާ އަދި މީހާގެ ކެރެކްޓާ، މީހާއަކީ ކޮންކަހަލަ މީހެއްކަން ތަރުބިއްޔަތު ވެގެން އަންނަ ގޮތަށް ބައްޓަން ވެގެން އަންނަ އެއްޗެއް،” ކުޅިވަރަކީ ހަމައެކަނި ކުޅެލާ އެއްޗެއް ނޫންކަމުގައި ފާހަގަކުރައްވަމުން މިނިސްްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިކަމަށްޓަކައި މުޅި ރާއްޖެ ޝާމިލްވާހެން ކުޅިވަރުގެ ގާނޫނަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ސްކޫލުތަކުގައި ދަރިވަރުންގެ ހަށީގައި ރިވެތި ސިފަތައް ޖެއްސުމަށް ގާއިމް ކުރަން ނިންމާފައިވާ ސްކޫލު ސްޕޯޓްސް ސިސްޓަމް ގާއިމްކުރެވުމުން އެކަން ހާސިލް ކުރުމުގެ މަސައްކަތް ފެށިގެން ދާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
މީގެއިތުރުން، މި ސިސްޓަމްގެ ތެރެއިން ކުދިންނަށް ސާފުތާހިރު ކަމާއި، ގަޑިއަށް ހުރުމަތްތެރިކޮށް ހިތުމާއި، އެކަކު އަނެކަކަށް އިހުތިރާމުކޮށް އަދި ޓީމެއްގެ ގޮތުގައި މަސައްކަތް ކުރަން ދަސްކޮށްދޭނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެ އެވެ. އަދި، ކުޅިވަރުގައި މޮޅުވުމާއި ބަލިވުން ގަބޫލުކުރަން ދަސްކޮށްދީ، ކުއްޖާގެ ނަފްސާނީ ދުޅަހެޔޮ ކަމަށް ވެސް މަސައްކަތް ކުރެވިގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މި ސިފަތައް ކުއްޖާ ޓައިގައި ޖައްސައި، ރަނގަޅު އިންސާނެއްގެ ގޮތުގައި ބައްޓަން ކުރުމަށްޓަކައި، ސްކޫލް ސްޕޯޓްސް ސިސްޓަމްގެ ދަށުން މަސައްކަތްކުރެވޭނެ ކަމަށެވެ.