މަހިބަދޫގައި މަސްތުވާތަކެތި ގެންގުޅޭ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އައްޑޫ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ / ލެވީނިއާ، މުހައްމަދު ޒުނާމް ނަޖުމީ ކިޔާ 24 އަހަރުގެ ފިރިހެނެއް ކަމަށެވެ.
ފުލުހުން މައުލޫމާތުދިން ގޮތުގައި، މިމަހުގެ ފަސްވަނަ ދުވަހު މަހިބަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި، މަހިބަދޫ ވޮލީ ކޯޓާ ދިމާ އުތުރު ބަނދަރުން އޭނާ ހުއްޓުވައި ބަލައިފާސްކުރި ކަމަށެވެ. އަދި ފާސްކުރުއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި 12 ދަޅު ފެނިފައިވަާ ކަމަށާއި، އެ ތަކެތީގެ ވަގުތި ބަރުދަނުގައި 378.75 ގްރާމް ހުރިކަމަށް ފުލުހުން ބުނެފައިވެ އެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، އޭނާ ފަސްދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
މި މައްސަލަ މަހިބަދޫ ޕޮލިސް ސްޓޭޝަނުން މިހާރު ގެންދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
މީގެ އިތުރުން ގއ. ވިލިނގިއްޔަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ދެ މީހުން ހައްޔަރުކޮށްފައިވެއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ލ. ފޮނަދޫ / ކެނެރީގެ، ޢަލީ މުމްތާޒް (37އ) އަދި ބަނގުލަދޭޝް މީހެއް ކަމުގައިވާ އިރުޝާދު މިއާ (29އ) އެވެ.
މި އޮޕަރޭޝަނުގައި، އެ މީހުން ދަތުރުކުރި ދޯނި ކަނޑުމަތިން ހުއްޓުވައި ކޫއްޑޫ ބަނދަރަށް ގެންގޮސް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި މިތަކެތީގެ ވަގުތީ ބަރުދަނަކީ 126 ގްރާމް ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.