މާގަސްތަކެއް ބްރިޖުމަތިން އުފުލި މީހަކަށް ފުލުހުން ފިޔަވަޅު އަޅައިފިއެވެ.
މިކަމާ ގުޅިގެން ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ބުރިޖާއި ހައިވޭ ހުރަސްކޮށް ސައިކަލުގައި މާގަސްތަކެއް އުފުލި މީހަކާމެދު ފިޔަވަޅު އަޅާފައިވާ ކަމަށާއި މީނާ އަށް ފިޔަވަޅު އަޅާފައިވަނީ ގަވައިދާ ހިލަފަށް މުދާ އުފުލުމުގެ މައްސަލައިގައި ކަމަށެވެ.
އަދި މިފަދަ އަމަލުތަކަކީ ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވެދާނެ ކަންކަން ކަމަށާއި މިފަދަ އަމަލުަތަކުން ދުރުހެލިވުމަށް އިލްތިމާސް ކުރާ ކަމަށެވެ.
މީނާ މާގަސްތަކެއް ސައިކަލަކަށް އަރުވައިގެން ބްރިޖު ހައިވޭއަށް އަރުވައިގެން ދާ މަންޒަރު ދަނީ މީސްމީޑިޔާގައި ދައުރުވަމުންނެވެ.
ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން ދިމާވާ އެކްސިޑެންޑުތައް ވަރަށް ގިނައެވެ. އެ ގޮތުން މިރޭވެސް ދެ ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވެއެވެ.
މި އެކްސިޑެންޓުގައި 3 މީހަކަށް އަނިޔާވެފައިވެއެވެ. މި އެކްސިޑެންޓްގައި 3 މީހުންނަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށާއި ފަރުވާ ދެމުންދަނީ 1 ދިވެހި ފިރިހެނަކާއި 2 ބިދޭސީ ފިރިހެނުންނަށް ކަމަށް ފުލުހުން ބުނެއެވެ.
ނުރައްކާތެރިކޮށް ދުއްވާ މީހުން ހޯދާ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރުމަށް ބައެއް މަގުތަކުގައި 24 ގަޑިއިރު ފުލުހުން ފޯރި މަރަން ވަނީ ފަށާފައެވެ.