ގަވާއިދާއި ޚިލާފަށް މާލެއާއި ވިލިމާލޭ ފަޅުގައި އަޅާފައިވާ އުޅަނދުތަކުގައި، މާލެތެރެއިން ވަގަށް ނަގާ ތަކެތި ރައްކާކުރާ މައްސަލަ ބޮޑުވެއްޖެއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މާލެއާއި ވިލިނގިލީގެ ފަޅު ބެލެހެއްޓުމާބެހޭ ގަވާއިދާއި ޚިލާފަށް، އުޅަނދު ބަލަހައްޓާނެ ފަރާތެއް ނެތި އެއްގޮތަކަށްވެސް ދަތުރުނުކޮށް ގިނަދުވަސްތަކެއް ވަންދެން ފަޅުތެރޭގެ އެކި ސަރަހައްދުތަކުގައި އަޅާފައި ހުންނަ އުޅަނދުފަހަރު ބޭނުންކުރުމަށް ގެންދަނީ މާލެތެރެއިން ތަފާތު ވައްކަންކޮށްގެން ނަގާ ތަކެތި ރައްކާ ކުރުމަށާއި އެފަދަ ވައްކަން ތަކުގައި އުޅޭ ފަރާތްތަކުން ނިދާ ކައިބޮއި ހަދަމުން ގެންދިއުމަށް ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި މި އުޅަނދު ފަހަރުގެ ސަބަބުން ފަޅުގެ ގަވާއިދާ އެއްގޮތަށް ހުއްދަ ނަގައިގެން ފަޅު ބޭނުންކުރާ ފަރާތްތަކަށް ވަރަށް ބޮޑަށް ދަތިވަމުންދާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެފަދަ އުޅަނދުތަކުގެ ތެރޭގައި ރަޖިސްޓްރީ ނަމްބަރ އެއްގޮތަކަށްވެސް ނުޖަހާ ހުންނަ އުޅަނދުފަހަރު ހިމެނެއެވެ.
އެހެންވެ މާލެ ސިޓީ ކައުންސިލުން ވަނީ މި މަހުގެ 30 ގެ ނިޔަލަށް، އެފަދަ އުޅަނދުފަހަރުގެ ވެރިފަރާތްތަކުން އެއުޅަނދުފަހަރު މާލެއާއި ވިލިނގިލީގެ ފަޅުން ނެގުމަށް އަންގާފައެވެ.
މި ތާރީޚުގެ ފަހުން ނުނަގާ ހުންނަ އެފަދަ އުޅަނދުފަހަރަކީ ބަލަހައްޓާނެ ފަރާތެއް ނެތި ފަޅުތެރެއަށް ދޫކޮށްލާފައި ހުރި އުޅަނދުފަހަރުކަމަށް ބަލައި، ‘މާލެއާއި ވިލިނގިލީގެ ފަޅު ބެލެހެއްޓުމާބެހޭ ގަވާއިދު’ އާ އެއްގޮތަށް އެފަދަ އުޅަނދުފަހަރު ނެގުމުގެ މަސައްކަތް ކުރަމުން ގެންދާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

