ރާއްޖޭގެ 5 ސަރަހައްދެއްގައި ސްޕޯޓްސް ފިޝިންގ ހާބަރުތައް ތަރައްގީ ކުރުމާގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފިއެވެ.
މަސްވެރިކަން ސިންދަފާތު ކުރުމަށް ރައީސް ޑރ. މުޢިއްޒު އެކަށައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން މި މަޝްވަރާތައް ކުރިއަށް ގެންދަވާފައިވަނީ މިނިސްޓަރ އޮފް ޓޫރިޒަމް އިބްރާހީމް ފައިޞަލްއާއި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމެވެ.
ދެބޭފުޅުން ބޭއްވި މި ބައްދަލުކުރެއްވުމުގައި ވަނީ ސްޕޯޓްސް ފިޝިންގ ހާބަރުތައް ތަރައްގީކުރަން ހުށަހަޅާ 5 ސަރަހައްދުގެ މައުލޫމާތު މިނިސްޓަރު ފައިޞަލްއާ ހިއްސާކުރައްވައިފައެވެ.
މީގެއިތުރުން މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝިޔާމް ވަނީ ސިނާއަތެއްގެ ގޮތުގައި މެރިކަލްޗަރ ތަރައްގީކޮށް ރާއްޖޭގައި އުފައްދާ ތަކެތި އިތުރުކުރުމަށް ރައީސް ޑރ. މުޢިއްޒު ޚާއްސަ އަހަންމިއްޔަތުކަމެއް ދެއްވާކަން ފާހަގަކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ފައިޞަލް ވަނީ މި މަޝްރޫއު އަވަސްކުރުމަށް ޓޫރިޒަމް މިނިސްޓްރީން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށާއި އެގޮތުން އެ މިނިސްޓްރީގެ ފަންނީ ބޭފުޅުންގެ އެހީތެރިކަން ފިޝަރީޒް މިނިސްޓްރީއަށް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ރާއްޖޭގެ 5 ސަރަހައްދެއްގައި ސްޕޯޓްސް ފިޝިންގ ހާބަރުތައް ތަރައްގީ ކުރުމަށް ސަރުކާރުން ނިންމާފައިވާއިރު، މިކަމުގެ ސަބަބުން މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ.