ކުރީގެ ނައިބު ރައީސް ޖިހާދުގެ މައްޗަށް އުފުލާފައިވާ ޚިޔާނާތުގެ ދައުވާގެ އިސްތިއުނާފު މައްސަލަ ހައިކޯޓުން ބަލައިގެންފިއެވެ.
ޖިހާދުގެ މައްޗަށް ދައުވާ އުފުލާފައިވަނީ ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ޒައާމަތުގައި ފިނޭންސް މިނިސްޓަރުކަމުގައި ހުންނެވިއިރު، ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ކ.ފުށިދިއްގަރު ފަޅު ތަރައްގީކުރުމުގެ މަޝްރޫއުއާއި ގުޅިގެން ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލައިގައެވެ.
ފުށިދިއްގަރުފަޅު ތަަރައްގީކުރުމަށް ސަރުކާރުގެ 50 އިންސައްތަ ހިއްސާވާ ގޮތަށް ޖޮއިންޓް ވެންޗާ އެއްބަސްވުމެއް ހެދުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވަނިކޮށް، ދައުލަތުގެ 25 އިންސައްތަ ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށް ޕްރައިމް ކެޕިޓަލް މޯލްޑިވްސްއާއެކު އެއްބަސްވުމުގައި ސޮއިކުރި ކަމަށް ދައުވާގައި ބުނެފައިވެއެވެ.
ޕްރެޒިޑެންޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީން ތަހުގީގުކޮށް، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި މި މައްސަލައިގެ ތަހުގީގުން ހާމަވާ ގޮތުގައި ޖިހާދުގެ އަމަލުގެ ސަބަބުން ރައްޔިތުންނާއި ދައުލަތަށް ލިބެން އޮތް ފައިދާއިން ހަމައެކަނި ބިމު ކުލީގެ ގޮތުގައި 750،713،604 އެމެރިކާ ޑޮލަރު ވަނީ އުނިވެފައެވެ.
މި މައްސަލާގައި ޖިހާދުގެ މައްޗަށް އުފުލި ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ ދަށު ކޯޓުން ބޭރުކޮށްލީ ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅުމާމެދު ނިންމި ނިންމުމުގައެވެ.
މި މައްސަލަ ބެލެން ނެތް ސަބަބެއްގެ ގޮތުގައި ދަށު ކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވަނީ ޖިހާދުގެ މައްޗަށް އުފުލި ދައުވާގައި އުނިކަމެއް ހުރި ކަމަށް ބުރަވެވޭ ކަމަށެވެ.
އެހެންވެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދަށު ކޯޓުގެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކުރަން ހުށަހެޅީ މިދިޔަ އޮގަސްޓު މަހުގެ 11 ވަނަ ދުވަހުއެވެ.
ހައިކޯޓުގެ ވެބްސައިޓުން ދައްކާ ގޮތުން މި މައްސަލަ މިހާރު ވަނީ ބަލައިގެންފައެވެ.
މި މައްސަލާގައި ޕީޖީއިން އެދިފައިވަނީ މިއީ މައުޟޫއީ ގޮތުން ބަލައި ގޮތެއް ނިންމަންޖެހޭ މައްސަލައެއް ކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި މި މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް އެންގުމަށް ޕީޖީއިން ވަނީ އެދިފައެވެ.