ދުނިޔޭގެ ފެންވަރުގައި ރާވައިގެން ހިންގާ ބޮޑެތި ކުށްތައް ހުއްޓުވުމަށް ގައުމުތަކުން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ހޯމް މިނިސްޓަރު ވަޒީރު ޢަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިޙްސާން މިފަދައިން ވިދާޅުވީ ޗައިނާގެ ޖިއަންސޫ ޕްރޮވިންސުގައި ކުރިއަށްދާ ގްލޯބަލް ޕަބްލިކް ސެކިއުރިޓީ ފޯރަމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރު ވަނީ ބައިނަލްއަގުވާމީ ފެންވަރުގައި ރާވައިގެން ހިންގާ ކުށްތައް ހުއްޓުވުމަށް ޤައުމުތައް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ބަވަނަވެފައިވާ ދުނިޔޭގައި މިއަދު ކުށްތައް ހިންގާގޮތާއި އެކަމުގެ ނުރައްކާ ބޮޑުކަން ފާހަގަކުރައްވައިފައެވެ.
މިނިސްޓަރު ވިދާޅުވީ ސައިބަރކްރައިމްއާއި، ޓެރަރިޒަމާއި އެކި ގައުމުތަކުގެ ތެރޭގައި ހިންގާ ބޮޑެތި ކުށުގެ ނެޓްވޯޓުތަކުން ގުޅިގެން ހިންގާ ކުށްތައް ހުއްޓުވުމަށް ގައުމުތައް އެކުގައި މަސައްކަތްކުރަން ޖެހޭ ކަމަށެވެ.
މި މަސައްކަތް ވާން ޖެހޭނީ ގައުމުތަކުގެ އިހުތިރާމް އޮންނަ ގޮތަށް، އެކުގައި ޒިންމާވާ ގޮތަށް އެއް ލަނޑުދަނޑިއެއް ހާސިލްވާ ގޮތަށް ކުރެވޭ މަސައްކަތަކަށް ކަމަށާއި އެންމެ ގައުމަކަށް އެކަނި މި މައްސަލަތަކަށް ހައްލެއް ނުގެނެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރު ވަނީ ގައުމުތަކުގެ މެދުގައި ހުރި ތަފާތުތައް އެއް ފަރާތްކޮށް، އެއް މަގުސަދެއް ހާސިލް ކުރުމަށް ގައުމުތަކާއި ޖަމާއަތްތަކާއި އަމިއްލަ ފަރާތްތައް ގުޅިގެން މަސައްކަތް ކުރަން މިއަދު މަޖުބޫރު ކަމަށް ވިދާޅުވެފައެވެ. އަދި މިކަމުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައި އޮތް ދުނިޔެ ލިބިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.