ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ ޢައްބާސް ޝަރީފް އައްޔަންކުރުމާގުޅޭ ގޮތުން އާންމުންގެ ޝަކުވާއެއްވާނަމަ، އެ ޝަކުވާއެއް ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.
ދައުރުން ބޭރުން މިރޭ ބޭއްވި ޖަލްސާގައި މަޖިލީހުގެ އަމީންއާންމު ފާޠިމަތު ނިއުޝާ ވަނީ ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުށަހެޅުއްވި ސިޓީ އިއްވަވައިފައެވެ.
ރައީސް ހުށަހެޅުއްވީ ޢައްބާސްގެ ނަން އެކަންޏެވެ.
އެގޮތުން ރިޔާސަތުން ވަނީ އެ މައްސަލަ ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފައެވެ.
މައްސަލަ ދިރާސާކުރުމަށް އެ ކޮމިޓީން މިރޭ 21:30 ގައި ބޭއްވި ބައްދަލުވުމުގައި ވަނީ ޕީޖީގެ މަގާމަށް ޢައްބާސް ޝަރީފް އައްޔަންކުރުމާގުޅޭ ގޮތުން އާންމުންގެ ޝަކުވާއެއްވޭތޯ ބެލުމަށް އިއުލާނުކުރުމާމެދު ގޮތެއް ނިންމުމަށް މެންބަރުންގެ ޚިޔާލު ހޯދައިފައެވެ.
އެގޮތުން ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު ހުށަހެޅުއްވީ އަންނަ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ވަގުތު ދިނުމަށެވެ.
މެންބަރު ޢަބްދުއްސައްތާރުގެ މި ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރެވެ.
މި ހުށަހެޅުއްވުން ފާސްކުރީ ކޮމިޓީގެ ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރުގެ ނިޔަލަށް ހައިކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައިވާ ޢައްބާސަކީ ޔުނިވަރސިޓީ އޮފް ޓެސްމޭނިއާއިން ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
ޢައްބާސަކީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ވަކީލުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.