މަސްވެރިން ދަފުތަރު ކުރުމުގެ މަސައްކަތް ފުޅާކޮށް، ކެޔޮޅު އެޕްލިކޭޝަނާ ގުޅޭ މައުލޫމާތު ސެޝަންތައް ބޭއްވުމަށް މަސްވެރިކަމާބެހޭ ވުޒާރާގެ ޓީމުތައް އަތޮޅުތަކަށް ފުރަން ފަށައިފިއެވެ.
މި މަސައްކަތަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެކަށައަޅުއްވާފައިވާ، މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް ހެދުމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.
މަސްވެރިކަމާބެހޭ ވުޒާރާއިން ބުނީ މި ހަފުތާގައި ވުޒާރާގެ ޓީމުތައް ޅ. ދ. ލ. ގއ. ގދ. އަދި އައްޑޫ ސިޓީގައި ހަރަކާތްތެރިވާނެ ކަމަށެވެ. އަދި ޚާއްސަކޮށް މަސްކިރާ ސަރަހައްދުތަކުގައި ކުރިއަށް އޮތް ދުވަސްތަކުގައި ވުޒާރާގެ ޓީމުތައް މަސައްކަތް ކުރަމުންދާނެ ކަމަށެވެ.
މީގެ ބޭނުމަކީ ވީހާވެސް ގިނަ މަސްވެރިންނާއި ބައްދަލުކޮށް ކެޔޮޅު އެޕްލިކޭޝަނާއި ދަފުތަރާއި ގުޅޭ މައުލޫމާތު ފޯރުކޮށް ދިނުން ކަމަށް ވުޒާރާއިން ބުންޏެވެ.
މަސްވެރިން ދަފުތަރު ކުރަނީ އެންޑްރޮއިޑް އަދި އައިއޯއެސް ފޯނުތަކުގައި ބޭނުންކުރެވޭ ‘ކެޔޮޅު’ އެޕްލިކޭޝަނުންނެވެ.
ވުޒާރާއިން ބުނީ މަސްވެރިން ދަފުތަރު ކުރުމަށް ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން މަސްވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަންތައް ވެސް ކުރިއަށް ގެންދިއުމަށް ވެސް ރާވާފައިވާ ކަމަށެވެ.
އަދި ދަފުތަރު ކުރުމުގެ މަސައްކަތް އަވަސްކުރުމަށް ރާއްޖެ 6 ޒޯނަކަށް ބަހާލައިގެން ވުޒާރާގެ ޓީމުތައް މަސައްކަތް ކުރަމުންދާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވުޒާރާގެ ޓީމުތައް ދަތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
ވުޒާރާއިން ހާމަކުރި ގޮތުގައި މަސްވެރިން ދަފުތަރުގެ މަސައްކަތްތަކަށް ބަލާއިރު ށ. ރ. ގއ. ގދ. އަދި ފުވައްމުލައް ސިޓީގައި މަސްވެރިކަން ކުރާ %50 އަށްވުރެ ގިނަ މަސްދޯނި، މަސްވެރިންގެ ދަފުތަރުގައި ވަނީ ރަޖިސްޓަރީ ކުރެވިފައެވެ.
އަމާޒަކީ އޮކްޓޯބަރު މަސް ނިމުމުގެ ކުރިން މަސްވެރިކަމުގެ ލައިސަންސް ނަގާފައިވާ ހުރިހާ ދޯންޏަކާއި އެ ދޯނިތަކުގެ ފަޅުވެރިން ދަފުތަރުކޮށް ނިންމުން ކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
ދަފުތަރު ކުރެވިފައިވާ މަސްދޯނިތަކާއި ފަޅުވެރިންގެ އަދަދު ފަހުން ހާމަކުރާނެ ކަމަށް ވެސް މަސްވެރިކަމާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.