ފްރާންސްގެ ނަންހިނގާ މިޑްފީލްޑަރު އެޑްރިއަން ރަބިއޯ، އޮލިމްޕިކް މާސޭއަށް ބަދަލުވާން އެއްބަސްވެއްޖެއެވެ. މިކަން ހާމަކޮށްފައިވަނީ އޮލިމްޕިކް މާސޭއިންނެވެ.
އުމުރުން 29 އަހަރުގެ ރަބިއޯ އަކީ މިދިޔަ ސީޒަނުގެ ނިޔަލަށް އިޓަލީގެ ޔުވެންޓަސްއަށް ކުޅެމުން އައި ކުޅުންތެރިއެކެވެ. ނަމަވެސް އެ ކްލަބާއެކު އޮތް އެއްބަސްވުން ހަމަވުމާ ގުޅިގެން އޭނާ ވަނީ ފްރީ އޭޖެންޓެއްގެ ގޮތުގައި ހުރެފައެވެ.
“ފްރާންސްގެ ބައިނަލްއަގުވާމީ މިޑްފީލްޑަރު، އެޑްރިއެން ރަބިއޯ އާއެކު އެއްބަސްވުމަކަށް އައިސްފައިވާކަމަށް އޮލިމްޕިކް މާސޭ އިން ހާމަކުރަން.” މިހެން ބުނެ މާސޭއިން ވަނީ ބަޔާނެއް ނެރެފައެވެ.
މާސޭއިން އިތުރަށް ބުނެފައިވަނީ މެޑިކަލް ޓެސްޓުތަކަށްފަހު ވަރަށް އަވަހަށް ރަބިއޯ އެ ކްލަބާ ގުޅޭނެ ކަމަށެވެ.
ރަބިއޯ އަކީ 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ރަނަރަޕް މަގާމު ހޯދި ފްރާންސް ޓީމުގައި ހިމެނުނު ކުޅުންތެރިއެކެވެ. އޭނާގެ ކުޅުންތެރިކަމުގެ ކެރިއަރުގައި ފްރާންސްގެ ޕެރިސް ސެއިންޓް ޖަރމެއިން (ޕީއެސްޖީ) އަށާއި އިޓަލީގެ ޔުވެންޓަސްއަށް ކުޅެފައިވެއެވެ. މި ދެ ކްލަބުގެ ތެރެއިން ކޮންމެ ކްލަބަކަށް ވެސް 200 އަށްވުރެ ގިނަ މެޗު ކުޅެދީފައިވާ ރަބިއޯ ވަނީ ފްރާންސްގެ ގައުމީ ޓީމަށް 48 މެޗު ހަމަކޮށްފައެވެ.
ރަބިއޯ މާސޭއަށް ބަދަލުވުމާއެކު، އޭނާގެ ކުޅުންތެރިކަމުގެ ކެރިއަރުގައި އައު ބާބެއް ފެށިގެންދާނެއެވެ. މާސޭއަށް ބަދަލުވުމަށް ނިންމީ ކީއްވެގެންކަން އަދި ސާފުވެފައެއް ނުވެއެވެ.

