ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހިންގުނު ޖޮބް ރެޑިނަސް ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ކެއާ ސޮސައިޓީ ގުޅިގެން، ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާގެ މާހައުލަށް ތައްޔާރުކުރުމުގެ ގޮތުން، 26 ޖޫން އިން 29 އޯގަސްޓްގެ ނިޔަލަށް ހިންގުނު ‘ޖޮބް-ރެޑިނަސް ޕްރޮގްރާމް’ ކާމިޔާބުކަމާއިއެކު ފުރިހަމަކުރި 12 ފަރާތަކަށް ހަނދާނީ ލިޔުން ވަނީ ހަވާލުކޮށްފައެވެ.
އެ ތަމްރީން ކުރިއަށްގެންގޮސްފައިވަނީ ހުޅުމާލެގައި ހުންނަ ކެއަރ ސޮސައިޓީގެ އިމާރާތުގައެވެ. ހަފްތާއަކު 4 ދުވަހުގައި، ދުވާލަކު 2 ގަޑިއިރާއި 45 މިނިޓަށް ކުރިއަށް ގެންދެވުނު ޕްރޮގްރާމްގައި މައިގަނޑު 5 ދާއިރާއަކުން (އިންޑިޕެންޑެންޓް ލައިފް ސްކިލްސް، ސްޕީޗް އެންޑް ލެންގުއޭޖް ވޮކެބިއުލަރީ، އިންފޯރމަލް އެޑިއުކޭޝަން، ލައިފް ސްކިލްސް، ޖޮބް-ރެޑިނަސް ސްކިލްސް) ބައިވެރިން ތަމްރީނު ފުރިހަމަ ކުރިއެވެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހިންގުނު ޖޮބް ރެޑިނަސް ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލުމަށްފަހު މިނިސްޓަރު އާއިލާއާއި އެކު/ފޮޓޯ ؛ އާއިލީ ތަރައްގިއާ ބެހޭ ވުޒާރާ
.މީގެ ތެރޭގައި ސީވީ ތައްޔާރުކުރާނެ ގޮތާއި ފޯނާއި އީމެއިލްއިން މުޢާމަލާތު ކުރާނެގޮތާއި އިންޓަރވިއުތަކަށް ތައްޔާރުވާނެ ގޮތުގެ އިތުރުން މީހުންނާއި މުއާމަލާތްކޮށް ގުޅުން ބަދަހިކުރާނެ ގޮތާއި އަދި ޢާންމު ދަތުރު ފަތުރުގެ ނިޒާމް ބޭނުންކުރާނެ ގޮތްތައް ފަދަ ކަންކަން ކިޔަވާދީ، ތަމްރީން ދެވިފައިވެއެވެ.
އެ ތަމްރީން ނިންމި ފަރާތްތަކަށް، ކެއަރ ސޮސައިޓީއިން އެކުލަވާލާފައިވާ ރިޕޯޓަށް ބަލައި، ވަޒީފާގެ ފުރުޞަތު ފަހިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާނެއެވެ. އެ ޕްރޮގްރާމްގެ ތަޖުރިބާއަށް ބަލައި، ކުރިއަށްއޮތް ތަނުގައިވެސް މިފަދަ އިތުރު ޕްރޮގްރާމްތަކެއް ހިންގުމަކީ އެވުޒާރާގެ އަމާޒުކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ.
ޖޮބް-ރެޑިނަސް ޕްރޮގްރާމްގެ އިތުރުން ވަޒީފާގެ މާހައުލަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އަހުލުވެރިކޮށް އެފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން، އެ ވުޒާރާ މެދުވެރިވެގެން ހޯދާދެވިފައިވާ އިންޓަރންޝިޕްގެ ފުރުޞަތުތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އަންނަނީ ހަރަކާތްތެރިވަމުން ކަމަށް ވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ. އަދި އެ ޕްރޮގްރާމަށް ގިނަ ފަރާތްތަކެއްގެ ޝައުގުވެރިކަން އިތުރުވަމުން އަންނަކަމަށް ވެސް އެ ވުޒާރާއިން ބުނެއެވެ.

