ލުބުނާނުގެ އެކި ސަރަހައްދުތަކުގައި ޕޭޖަރުތައް ގޮއްވާލުމުގެ ސަބަބުން ގިނަ އަދަދެއްގެ މީހުން މަރުވެ އަނިޔާވި ހާދިސާއަކީ އިސްރާއީލާއެކު ކުރިއަށްދާ މި ހަނގުރާމައިގައި މިހާތަނަށް އައި އެންމެ ބޮޑު ސެކިއުރިޓީ ބްރީޗް، (ސެކިއުރިޓީއަށް ގޮން ޖަހައި ދިން ހަމަލަ) ކަމަށް ހިޒްބުالله އިން ބުނެފިއެވެ.
މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިޒްބުاللهގެ ހަނގުރާމަވެރިން ވެސް ހިމެނޭކަން އެ ޖަމާއަތުން ދަނީ ކަށަވަރު ކޮށްދެމުންނެވެ. އަދި އީރާނުން ލުބުނާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރަށް ވެސް މި ހާދިސާގައި އަނިޔާވެފައިވާ ކަމަށް ރިޕޯޓުތަކުގައި ބުނެއެވެ.
ހިޒްބުاللهގެ އިސް އޮފިޝަލަކު މަޢުލޫމާތު ދެއްވި ގޮތުގައި އިސްރާއީލުން ދޭ ހަމަލާތަކުން ސަލާމަތްވުމަށްޓަކައި މެސެޖު ފޮނުވުމަށް އެ ޖަމާއަތުން ޕޭޖަރުތައް ބޭނުންކުރަމުން ގެންދެއެވެ. ނަމަވެސް މި ފަހަރު އެ ޕޭޖަރުތައް ގޮއްވާލުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
މި ހާދިސާއާ ގުޅޭ ގޮތުން އިސްރާއީލުގެ ސަރުކާރުން އަދި އަސްކަރިއްޔާއިން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އެހެންނަމަވެސް ލުބުނާނުގެ އިންފޮމޭޝަން މިނިސްޓަރު ޒިޔާދު މަކަރީ ވިދާޅުވެފައިވަނީ މިއީ އިސްރާއީލުން ދިން ހަމަލާއެއް ކަމަށެވެ.
ލުބުނާނުގެ ސިއްޙަތާ ބެހޭ ވަޒީރު ފިރާސް އަބިއާދު ވިދާޅުވި ގޮތުގައި މި ހާދިސާގައި އަށް މީހުން މަރުވެ 2،750 މީހުން ޒަޚަމްވެފައިވެއެވެ. އޭގެ ތެރެއިން 200 މީހުންގެ ހާލަތު ސީރިއަސް ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.
ހިޒްބުالله އިން ބުނެފައިވަނީ މި ހަމަލާތަކަށް އިސްރާއީލަށް “އިންސާފުވެރި ޖަވާބެއް” ލިބޭނެ ކަމަށެވެ. މިހަމަލައަށް ރައްދު ބަދަލެއް ހިފާނެ ކަމަށް ހިޒުބުﷲ އިން ވަނީ އަހުދުކަށަވަރުކޮށްފަައެވެ. އަދި މިއީ އިސްރާއީލާ އެކު ކުރާ ހަނގުރާމައިގައި ލިބުނު އެންމެ ބޮޑު ސެކިއުރިޓީ ބްރީޗް ކަމަށް ވެސް އެ ޖަމާއަތުން ބުނެފައިވެއެވެ.
މި ހާދިސާއާ ގުޅިގެން އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ މި ހަމަލާތަކުގެ ސަބަބުން ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ކުރަމުންދާ މަސައްކަތްތަކަށް ބުރޫއަރާނެ ގޮތެއް ބުނަން އަދި އަވަސް ކަމަށެވެ. އަދި އީރާނުން މި ހާދިސާގެ ނާޖާއިޒު ފައިދާ ނަގައި ހަމަނުޖެހުން އުފައްދަން މަސައްކަތް ނުކުރުމަށް އެ ގައުމުން ވަނީ ގޮވާލާފައެވެ.