ރާއްޖޭގައި އަލަށް ފަށާ ބައިނަލްއަގުވާމީ ބަންކަރިންގ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ މުވައްޒަފުނަށް ޚާއްސަ އިމާރާތް، “އުލިގަމު އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ސެކިއުރިޓީ ގޭޓް (އައިއެސްޕީއެސް)” މިރޭ ހުޅުވައިފިއެވެ.
ހއ.އުލިގަމުގައި ގާއިމުކޮށްފައިވާ އައިއެސްޕީއެސް ގޭޓު ހުޅުވައިދެއްވީ އެކަމަށްޓަކައި މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އުލިގަމުގެ އިސް ރަށްވެއްސެއް ކަމަށްވާ، ދައުލަތަށް ބައި ގަރުނަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ މެޖިސްޓްރޭޓް ރިޓަޔާޑް އުސްތާޒު އިދުރީސް އާދަމްއެވެ.
މި ރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހިމާއި އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހާއި އުލިގަމު ކައުންސިލުގެ ރައީސް އަޙްމަދު މުއާޒު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ބައިނަލްއަގުވާމީ ބަންކަރިންގ ޚިދުމަތް ދިނުމަށް އުޅޭ މުވައްޒަފުނަށް ޚާއްސަ އިމާރާތް، “އުލިގަމު އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ސެކިއުރިޓީ ގޭޓް (އައިއެސްޕީއެސް)”. ފޮޓޯ: ހުވަދޫ މީޑިއާ
އައިސްއެސްޕީއެސް ގޭޓް މިރޭ ހުޅުވާފައިވާއިރު، އެސްޓީއޯއާއި އެމްޕީއެލް ގުޅިގެން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ބަންކަރިންގެ ޚިދުމަތް މާދަމާ ބޭރުގެ ބޯޓުތަަކަށް ދޭން ފަށާނެއެވެ.
އައިސްއެސްޕީއެސް ގޭޓުގައި އެސްޓީއޯ، ކަސްޓަމްސް، އަދި އެމްޕީއެލް ފަދަ ސަރުކާރުގެ މުއައްސަސާތައް ގާއިމުވެ ތިބޭނެއެވެ.

އައިއެސްޕީއެސް ގޭޓުގެ އެތެރެ. ފޮޓޯ: ހުވަދޫ މީޑިއާ
މި ޚިދުމަތް ފެށުމުގެ ރަސްމިއްޔާތު ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް އެސްޓީއޯއާއި އެމްޕީއެލްއިން ވަނީ ތައްޔާރުވެފައެވެ.
އެސްޓީއޯއިން ބަންކަރިންގެ ޚިދުމަތް ފަށާ ދުވަހުން ފެށިގެން އެމްޕީއެލްއިން ވެސް އިތުރު ޚިދުމަތްތައް ފޯރުކޮށްދޭން ފަށާނެއެވެ. އޭގެ ތެރޭގައި ބޯޓުފަހަރަށް ތެލުގެ ޚިދުމަތުގެ އިތުރުން ފެނާއި، ކާބޯތަކެތި އަދި ބޯޓުފަހަރަށް ބޭނުންވާ އެހެނިހެން ޚިދުމަތްތައް ހިމެނެއެވެ.

އައިއެސްޕީއެސް ގޭޓުގެ އެތެރެ. ފޮޓޯ: ހުވަދޫ މީޑިއާ
އެމްޕީއެލްއިން މައުލޫމާތުދޭ ގޮތުގައި މި ހުރިހާ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް އެ ކުންފުނިން މިހާރު ވަނީ ފުރިހަމައަށް ތައްޔާރުވެފައެވެ.
ބަންކަރިންގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި އެސްޓީއޯއިން ވަނީ 4000 ޓަނުގެ ތެޔޮ ރައްކާކުރެވޭ ދެ ބޯޓު ރާއްޖެ ގެނެސްފައެވެ.
ރާއްޖޭގެ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީއަކީ މިހާރު 6.5 ބިލިއަން އެމެރިކާ ޑޮލަރު ނަމަވެސް ބަންކަރިންގެ ޚިދުމަތް ފެށުމުން އޭގެ ތެރެއަށް މުޅިން އަލަށް 400 މިލިއަން ޑޮލަރު ވަންނާނެއެވެ. އެގޮތުން 6 ބިލިއަން ދިވެހި ރުފިޔާގެ މުޅިން އައު ސިނާއަތެއް އުފެދިގެންދާނެއެވެ.
ދުނިޔޭގެ ޗާޓުގައި ރާއްޖެ އޮންނަ ސަރަހައްދަކީ ކަނޑު ބޯޓުތައް އާންމުކޮށް ދަތުރުކުރާ ހިސާބެކެވެ. އެގޮތުން އިހަވަންދިއްޕޮޅު ކައިރިން ދުވާލަކު 300 އަށްވުރެ ގިނަ އާގުބޯޓު ހުރަސް ކުރާ ކަމަށް މެރިޓައިމް މޫވްމަންޓްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ބަންކަރިންގ ޚިދުމަތް ފެށުމާއެކު، ރާއްޖޭގެ އިގުތިސާދަށް އިތުރު ކުރިއެރުމެއް ލިބުމުގެ އިތުރުން ވަޒީފާގެ ފުރުސަތުތައް ވެސް އިތުރުވެގެންދާނެއެވެ.