އިނގިރޭސިވިލާތަށް ދަތުރުކުރާ ދިވެހިން ސަމާލުވާން އަނެއްކާ ވެސް ދިވެހި ފޮރިން މިނިސްޓްރީ އިން އަންގައިފިއެވެ.
އެ ގައުމަށް ދަތުރުކުރާ ދިވެހިން ސަމާލުވުމަށް މިފަހަރު އަންގާފައިވަނީ އިނގިރޭސިވިލާތުގެ ސަރުކާރުން އެ ޤައުމުގެ އިމިގްރޭޝަން ޤަވައިދަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާތީ ކަމަށް ދިވެހި ފޮރިން މިނިސްޓްރީ އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވެއެވެ. އަދި މި ބަދަލުތަކުގެ މައިގަނޑު މަޤްޞަދަކީ އެޤައުމުގެ ބޯޑަރު ކޮންޓްރޯލް ސެކިއުރިޓީ ޑިޖިޓަލައިޒްކޮށް، އިތުރަށް ހަރުދަނާކޮށް، އިމިގްރޭޝަން ނިޒާމުގެ ނަހަމަ ބޭނުންކުރުން ހުއްޓުވައި، އިނގިރޭސިވިލާތަށް ވަނުމުގެ ކުރިން އިތުރު ސަލާމަތީ ފިޔަވަޅުތައް އެޅުންކަމުގައި އެ ގައުމުން މައުލޫމާތު ދީފައިވާ ކަމަށް އެ ނޫސް ބަޔާނުގައި ވެއެވެ.
ދިވެހި ފޮރިން މިނިސްޓްރީ އިން ބުނާ ގޮތުގައި މި ބަދަލާއެކު 8 ޖެނުއަރީ 2025 އިން ފެށިގެން އިނގިރޭސިވިލާތަށް ދަތުރުކުރެވޭނީ އީ.ޓީ.އޭ. ހޯދުމަށްފަހުގައެވެ. އަދި 27 ނޮވެމްބަރ 2024 އިން ފެށިގެން، ދިވެހިރާއްޖެ ހިމެނޭ ގޮތަށް 49 ޤައުމެއްގެ ރައްޔިތުންނަށް އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން (އީ.ޓީ.އޭ.) އަށް ރިކުއެސްޓް ކުރެވޭނެ ކަމަށް ވެސް އެ މިނިސްޓްރީ އިން ބުނެފައިވެއެވެ.
އީޓީއޭއެއްގެ އަގަކީ 10 ޕައުންޑް އެވެ. އަދި އީޓީއޭގެ މުއްދަތަކީ 2 އަހަރު ދުވަސް ކަމަށާއި، ކޮންމެ ދަތުރެއްގައި އެއްފަހަރާ ގިނަވެގެން 6 މަސް ދުވަހަށްވުރެ އިތުރުނުވާގޮތަށް ނުވަތަ ޕާސްޕޯޓް މުއްދަތު ހަމަވަންދެން އިނގިރޭސިވިލާތަށް މަލްޓިޕަލް ދަތުރުކުރުމުގެ ހުއްދަ ދެވޭނެކަމަށް ގައުމުން މައުލޫމާތު ދީފައިވާ ކަމަށް ދިވެހި ފޮރިން މިނިސްޓްރީ އިން ހާމަކުރެއެވެ. އަދި އަދި 02 އޭޕްރީލް 2025 އިން ފެށިގެން، އިނގިރޭސިވިލާތަށް ދަތުރުކުރާ، އިނގިރޭސިވިލާތާއި އަޔަލެންޑްގެ ރައްޔިތުން ފިޔަވައި ހުރިހާ ގައުމެއްގެ ރައްޔިތުންވެސް އިނގިރޭސިވިލާތަށް ދަތުރުކުރުމުގެ ކުރީން އީ.ޓީ.އޭއަށް ރިކުއެސްޓް ކުރަން ޖެހޭނެކަމަށްވެސް އެ ގައުމުން ފާހަގަ ކުރާ ކަމަށް ފޮރިން މިނިސްޓްރީ އިން ހާމަކުރެއެވެ.
މިދިޔަ މަހުގައިވެސް އިނގިރޭސި ވިލާތަށް ދަތުރުކޮށް އެ ގައުމުގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް ދިވެހި ފޮރިން މިނިސްޓްރީ އިން އަންގާފައިވެއެވެ. އެ ފަހަރު އެފަދައިން އަންގާފައިވަނީ މުސްލިމުންނާ ދެކޮޅަށް ސިލްސިލާ މުޒާހަރާތަކެއް އެ ގައުމުގައި ކުރިއަށް ގެންދިޔުމުގެ ސަބަބުންނެވެ.
އެ ކަމާއި ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައި އެ މިނިސްޓްރީ އިން ބުނެފައިވަނީ މުޒާހަރާތައް ކުރިއަށްދާ ސަރަހައްދުތަކުން ދުރުހެލިވުމަށާއި، އިނގިރޭސި ސަރުކާރާއި ދިވެހި ހައިކޮމިޝަނުގެ އިރުޝާދުތަކަށް ތަބާވުމަށެވެ. އަދި އެހީއެއް ބޭނުންވެއްޖެނަމަ ހައިކޮމިޝަނާ ގުޅުމަށާއި އެ ހާލަތުގައި ދިވެހިންގެ ރައްކާތެރިކަމަށް ސަމާލުވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.