ހއ.އިހަވަންދިއްޕޮޅު ޑޮކްޔާޑަކާއި ސްލިޕްވޭއެއް ތަރައްގީ ކުރުމަށްޓަކައި އެމްޕީއެލްއިން އިހަވަންދޫ ކައުންސިލާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ހއ.އިހަވަންދިއްޕޮޅު ޑޮކްޔާޑަކާއި ސްލިޕްވޭއެއް ތަރައްގީ ކުރުމަށްޓަކައި އެމްޕީއެލްއިން އިހަވަންދޫ ކައުންސިލާއެކު ސޮއިކުރުން. ފޮޓޯ: ހުވަދޫ މީޑިއާ
އިހަވަންދޫގައި މިިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތެއްގައި އެމްޕީއެލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިބްރާހިމް ވަޖީހެވެ. އިހަވަންދޫ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލުގެ ރައީސް އަޙްމަދު ޞަބާޙެވެ.
މި ރަސްމިއްޔާތުގައި އިހަވަންދޫ ދާއިރާގެ މެމްބަރު އަޙްމަދު ނަޞީރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން މުއައްސަސާތަކުގެ ވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ހއ.އިހަވަންދިއްޕޮޅު ޑޮކްޔާޑަކާއި ސްލިޕްވޭއެއް ތަރައްގީ ކުރުމަށްޓަކައި އެމްޕީއެލްއިން އިހަވަންދޫ ކައުންސިލާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ހުވަދޫ މީޑިއާ
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީއީއޯ ވަޖީހު ވިދާޅުވީ މެރިޓައިމް ދާއިރާ ދިވެހިންނަށްވުރެ ބޮޑަށް ބޭނުންވާނެ އެއްވެސް ބަޔަކު ނުތިބޭނެ ކަމަށެވެ.
ޚާއްސަކޮށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުމަކީ މެރިޓައިމް ދާއިރާ މުޅި ރާއްޖެއަށް ފުޅާކުރުން ކަމަށާއި ކުރަމުން މިދަނީ އެ މަސައްކަތް ކަމަށެވެ.
ދިވެހިރާއްޖެ އޮތް ލޮކޭޝަނުގެ ގޮތުން ދިވެހިންނަށް ދުނިޔޭގެ އެއްވެސް ގައުމަކުން ނުނެގޭނެހާ ބޮޑު ފައިދާއެއް ބަންކަރިންގެ ޚިދުމަތުން ނެގޭނެ ކަމަށް ވެސް ވަޖީހު ވިދާޅުވިއެވެ.
މި ސަރަހައްދަށް ބޭރު ދުނިޔޭގެ ޔޮޓް ފަހަރު އަންނަތާ ވަރަށް ގިނަ ދުވަސްވެއްޖެ. މިއަދާ ހަމައަށް އެއްވެސް ސަރުކާރަކުން އެއްވެސް ކަމެއް ނުކުރޭ. އެހެން ނަމަވެސް ކަންކަން ކުރުމުގެ ވިސްނުމާއެކު މަސައްކަތް ކޮށްފިނަމަ ކާމިޔާބުވާނެ.
ވަޖީހު ވިދާޅުވީ އިހަވަންދޫގައި ގާއިމުކުރެވޭ ޑޮކްޔާޑާއި ސްލިޕްވޭގެ ސަބަބުން ދުނިޔޭގެ ޔޮޓު ފަހަރާއި ބޯޓު މިތަނުން ޚިދުމަތް ހޯދާނެ ކަމަށެވެ.
ވަޖީހު ވަނީ ސްލިޕްވޭގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ވިދާޅުވެފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިހަވަންދޫ ކައުންސިލުގެ ރައީސް ވިދާޅުވީ އެ ރަށުގައި ފެށިގެން މި ދިޔައީ އިންޓަނޭޝަނަލް ވިޔަފާރިއެއް ކަމަށެވެ. އަދި މިއީ ރައްޔިތުންގެ ވަރަށް އެދިއެދި ތިބި ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިހަވަންދޫ ދާއިރާގެ މެމްބަރު އަޙްމަދު ނަޞީރު ވިދާޅުވީ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިހަވަންދޫ ދާއިރާގެ މެމްބަރު ވިދާޅުވީ މި ފެށުނު މަސައްކަތަކީ އިހަވަންދޫ އަދި ހާއްސަކޮށް އިހަވަންދިއްޕޮޅަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.

އިހަވަންދޫ ދާއިރާގެ މެމްބަރު އަޙްމަދު ނަޞީރު. ފޮޓޯ: ހުވަދޫ މީޑިއާ
ދިވެހި ސަރުކާރުގެ ފަރާތުން މި މަސައްކަތްތައް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ވެސް މެންބަރު ފާހަގަކުރެއްވިއެވެ.