ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ އުޅަނދުފަހަރާ ބެހޭ ގަވާއިދަށް މުހިންމު އިސްލާހުތަކެއް ގެނެސްފިއެވެ.
މި އިސްލާހުތަކުގެ ދަށުން، އުޅަނދުގެ ވެރިފަރާތަށް އުޅަނދު އަނބުރާ ހަވާލުކުރުމުގެ ކުރިން، އިތުރު ޝަރުތުތަކެއް ފުރިހަމަކުރަން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.
އާ އިސްލާހުތަކާ އެއްގޮތަށް، އުޅަނދުގެ ވެރިފަރާތުން ދައްކަންޖެހޭ ޖޫރިމަނާއެއް އޮތްނަމަ، އެ ޖޫރިމަނާއެއް ދެއްކިކަމުގެ ލިޔުން ހުށަހަޅަންޖެހޭނެއެވެ. މިގޮތުން، ޖޫރިމަނާ ބަލައިގަތުމަށް ކަނޑައަޅާފައިވާ އިދާރާއަކަށް ފައިސާ ދެއްކިކަމުގެ ލިޔުން ހުށަހަޅަނޖެހޭނެއެވެ. އަދި ޖޫރިމަނާ ފައިސާ ދެއްކުމަށް ވަކި އުސޫލަކަށް އެއްބަސްވެވިގެން ފައިސާ ދައްކަމުންދާނަމަ، އެފަދަ އެއްބަސްވުމެއް އޮތްކަން އަންގައިދޭ ލިޔުމާއި، އެ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކަމުންދާކަމުގެ ލިޔުން ހުށަހަޅަންޖެހޭނެއެވެ.
މީގެ އިތުރުން، ދިވެހި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށަށް އެ އުޅަނދެއް ގެނެވުނު ސަބަބާ ގުޅިގެން ދައްކަންޖެހޭ ޖޫރިމަނާ ދެއްކިކަމުގެ ލިޔުންވެސް ހުށަހަޅަންޖެހޭނެ ކަމަށްވެށް ވެއެވެ. އަދި ފުލުހުންގެ ފަރާތުން މި ގަވާއިދަށް ގެނެވުނު އިސްލާހުތަކަކީ ޤާނޫނު ތަންފީޒުކުރުމަށާއި، އުޅަނދުފަހަރާ ގުޅޭ މައްސަލަތައް ހައްލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ވަނީ ބުނެފައެވެ.
މި އިސްލާހާއެކު ބުނެފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ އެއްގަމު އުޅަނދުފަހަރު ދެން އަނބުރާ ދޫކުރެވޭނީ އެ އުޅަނދެއްގެ ރަޖިސްޓްރީ ނަންބަރު ރަނގަޅުކޮށް، އަދި އެ އުޅަނދެއް ރަޖިސްޓްރީކޮށްފައިވާ ޒޯނަކަށް އަނބުރާ ގެންދާކަން ކަށަވަރުކުރުމަށްފަހުގައި ކަމަށެވެ.
ޤާނޫނު ނަންބަރު 2009/5 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދާ ޚިލާފަށް ރަޖިސްޓްރީ ނަންބަރެއް ހަރުކޮށްގެން ނުވަތަ ރަޖިސްޓްރީ ނަންބަރެއް ހަރުނުކޮށް ދުއްވައިފައިވާ އުޅަނދެއް ހިފަހައްޓައިފި ނަމަ، އެ އުޅަނދެއް އަނބުރާ ހަވާލުކުރެވޭނީ ވަކި ޝަރުތުތަކަކާ އެކުގަ ކަމަށެވެ. މިފަދަ އުޅަނދުތައް އަނބުރާ ހަވާލުކުރެވޭނީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން 30 ދުވަހުގެ މުއްދަތުގެ ތެރޭގައި އެ އުޅަނދެއް ރަޖިސްޓްރީކޮށް ނިމުމުން ކަމަށްވެސް ބުނެއެވެ.
މި އައު އުސޫލުގެ މަޤްޞަދަކީ މަގުމަތީގައި ދުއްވާ އުޅަނދުފަހަރުގެ ރަޖިސްޓްރޭޝަން ހަރުދަނާކޮށް، ޤާނޫނާއި ގަވާއިދާ އެއްގޮތަށް އުޅަނދުފަހަރު ދުއްވުން ކަށަވަރުކުރުން ކަމަށާއި، މީގެ ސަބަބުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވެ، ޓްރެފިކް ބެލެހެއްޓުމަށް ފަސޭހަވެގެންދާނެ ކަމަށްވެސް ބުނެފައި ވެއެވެ.