ތިނަދޫ ސިޓީ މަސްވެރިންގެ ކަންބޮޑުވުންތައް މަސްވެރިކަމާ ކަނޑޫގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމްއާ ހިއްސާކޮށްފިއެވެ.
މަސްވެރިންގެ ކަންބޮޑުވުންތައް ހިއްސާކޮށްފައިވަނީ ގދ. ތިނަދޫ ސިޓީއަށް ވަޒީރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ރަށު މަސްވެރިނާއެކު ބޭއްވި ބައްދަލުވުމުގައެވެ.
އެ ބައްދަލުވުމުގައި ތިނަދޫގެ މަސްވެރިން އެދިފައިވަނީ މަސްވެރިންނަށް ދިމާވެފައިވާ ތެލުގެ މައްސަލައާއި ފައިސާ ނުލިބުމުގެ މައްސަލަ ޙައްލުކޮށްދެއްވުމަށެވެ. މަސްވެރިންވަނީ މިފްކޯއިންނާއި އެފްއެސްއެމްއިން ކްރެޑިޓަށް ތެޔޮ ނުލިބޭކަން ފާހަގަކޮށްފައެވެ. އަދި މަސްބިލަށް ވަގުތުން ފައިސާ ނުލިބޭތީ މަސްވެރިންނަށް ފައިސާދީފައި ތެޔޮއެޅުމަކީ ވަރަށް ބޮޑު ތަކުލީފެއް ކަމަށާއި، އެހެންކަމުން ވުޒާރާއިން މަސައްކަތްކޮށްގެން މަސްވެރިންނަށް ތެޔޮ ލިބޭނެ ގޮތް ވީހާވެސް އަވަހަށް ހަމަޖައްސައިދިނުމަށް މަސްވެރިން ވަނީ އެދިފައެވެ.
މީގެ އިތުރުން ތިނަދޫގައި ވަދު ކަނދުފައްޗެއް އަޅައިދިނުމާއި ފަރުމަސްވެރިކަން ތަރައްޤީ ކުރުމަށް ވުޒާރާއިން އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް އެދިފައިވެއެވެ. ވަޒީރު ޝިޔާމް ވިދާޅުވީ، ތެލުގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން މިހާރުވެސް މަސައްކަތް ފަށާފައިވާ ކަމަށެވެ، އަދި މި ފެށޭ ހަފްތާގައިވެސް ކަމާ ގުޅުންހުރި ފަރާތްތަކާއެކު އިތުރު ބައްދަލުވުންތައް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
އަދި އެ ރަށުގެ މަސްވެރިން އެދުނު ގޮތަށް މިފްކޯއާ ވާހަކަދައްކައިގެން ފަރުމަސްވެރިކަން ކުރާ ފަރާތްތަކަށް ދެވެން އޮތް އެހީތެރިކަން ބައްލަވައި، ވުޒާރާއިން ވެދެވެން އޮތް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ވަޒީރު ޝިޔާމް ވިދާޅުވީ ތިނަދޫގެ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް 2025 ވަނަ އަހަރު ނިންމައި މަސްގަންނަން ފެށުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބޭނުންފުޅުވާ ކަމަށާއި، އެކަމަށްޓަކައި ވުޒާރާއިން މަސައްކަތް އަވަސްކުރުމަށް ކުރެވެންހުރި ކަންކަން ކުރަމުންދާ ކަމަށެވެ.
އެ ބައްދަލުވުމުގައި ވަޒީރު ޝިޔާމް ވަނީ ސަރުކާރުން ހުޅުވާލާ އާރްއެސްޑަބްލިއު ސިސްޓަމާއި ގުޅޭގޮތުންނާއި މަސްވެރިންގެ ދަފުތަރާ ގުޅޭގޮތުން މަސްވެރިންނަށް މަޢުލޫމާތު ދެއްވާފައެވެ.
ގދ. ތިނަދޫއަށް ވަޒީރު އަޙްމަދު ޝިޔާމް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ޝިޔާމް، ތިނަދޫ އައިސްޕްލާންޓަށާއި ތިނަދޫގައި އަޅަމުންދާ ކޯލްޑް ސްޓޯރޭޖަށް ޒިޔާރަތް ކުރައްވައި އެތަންތަނުގެ މަސައްކަތް ކުރިއަށްދާ ގޮތް ވެސް ބައްލަވާލެއްވިއެވެ.