އެންމެން ގުޅިގެން ނަތީޖާ ނެރެދިނުމަށް މަސައްކަތް ކޮށްދިނުމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު މިއަދު އިލްތިމާސްކުރައްވައިފިއެވެ.
ވަޒީރު އާދަމް ޝަރީފް މިގޮތަށް އިލްތިމާސް ކުރެއްވީ އެ ވުޒާރާއަށް ސިވިލް ސަރވިސް ކޮމިޝަނުން އަލަށް އައްޔަންކުރެއްވި ޕަރމަނަންޓް ސެކްރެޓަރީއަށް ޑރ. ފާޠިމަތު މުނާއަށް މަގާމުގެ ލިޔުން ހަވާލު ކުރެއްވުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ވަޒީރު ވިދާޅުވީ އެ ވުޒާރާއާ ސަރުކާރުން މަތިކޮށްފައި މަސައްކަތްތަކަކީ ކޮބައިކަން ވިދާޅުވެދެއްވައި، އެ މަސައްކަތްތައް ހާސިލުކޮށްދެއްވައި ނަތީޖާ ނެރެދެއްވުމަށް އެންމެންނާ ގުޅިގެން މަސައްކަތް ކޮށްދެއްވުމަށް އައު ޕަރމަނަންޓް ސެކްރެޓަރީ ޑރ. މުނާގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.
އެ ވުޒާރާއަކީ އެންމެހައި މުވައްޒަފުން ނުހަނު ޝައުގުވެރިކަމާއެކު ގުޅިގެން މަސައްކަތްކުރުމުގެ ވަރުގަދަ ސަގާފަތެއް ގާއިމުވެފައި އޮތް މުއައްސަސާއެއް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. އަދި ފަންވަތް ޕޯޓަލް ފުރިހަމަ ކުރުމަށް މުވައްޒަފުން ކުރެއްވެވި މަސައްކަތް ފާހަގަ ކުރެއްވިއެވެ.
މީގެއިތުރުން ވަޒީރު ވަނީ ކުރީގެ ޕަރމަނަންޓް ސެކްރެޓަރީ ޢަބްދުﷲ ރަޝީދަށާއި، ދެ ފަހަރެއްގެ މަތިން އެ ވުޒާރާގެ ވަގުތީ ޕަރމަނަންޓް ސެކްރެޓަރީއެއްގެ ގޮތުން މަސައްކަތްކުރެއްވި ކޭމްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އިލްޔާސް އަޙްމަދަށް ޝުކުރު އަދާކުރައްވައިފިއެވެ.
މިއަދު ހެނދުނު ބޭއްވި މި ރަސްމިއްޔާތުގައި ސިވިލް ސަރވިސް ކޮމިޝަންގެ ރައީސާއި، ބައެއް މެންބަރުންނާއި، މި ވުޒާރާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.