މަސްދޯނިފަހަރުގައި ލޮނު ފެނުން މަސް ފިނިކުރާ ސިސްޓަމާއި ޖަނެރޭޓަރާއި ސޯލަރ ޕަވަރ ސިސްޓަމް ހަރުކުރުމުގެ ޕްރޮގްރާމް އިފުތިތާހުކޮށްފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް އިފުތިތާހުކޮށްދެއްވީ މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ.
މަސްދޯނިފަހަރުގައި ލޮނު ފެނުން މަސް ފިނިކުރާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު އަލުން މުރާޖައާ ކުރުމުގެ މަޝްރޫއު އަލުން މުރާޖައާކޮށް މިހާރު ވަނީ އެޕްލިކޭޝަނަށް ހުޅުވާލައިފައެވެ.
މަސްވެރިކަމާބެހޭ ވުޒާރާއިން ބުނީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކާއި ލައިވްސް އެންޑް ލައިވްލިހުޑް ފަންޑުގެ އެހީގައި ކުރިއަށްގެންދާ މި މަޝްރޫއުއަށް އެޕްލިކޭޝަނަށް ހުޅުވާލައިފައިވާއިރު، މިދިޔަ އަހަރު އިފުތިތާހުކުރެވުނު މި ލޯނު މަޝްރޫއުއަށް އަލުން ހުޅުވައިލެވުނީ މަސްވެެރިންގެ ބޭނުންތަަަަކަށް ވަރަށް ބޮޑަށް ރިއާޔަތްކޮށް ލޯނުގެ ބޭނުންކުރެވޭނެ ގިނަ ކަންކަން ހިމަނައިގެން ކަމަށެވެ. އަދި ލޯނުތައް ދެއްކުމަށް ލުއި ފަސޭހަތަކެއް ދިނުމަށް މަސްވެރިންނަށް ދަތިވެފައިވާ ކަންކަން ހައްލުކުރުމަށް ޚާއްސަ އިސްކަމެއްދީގެން ކަމަށެވެ.
އެގޮތުން ގެނެވުނު އެންމެ ބޮޑު ލުޔަކީ މަޝްރޫއުގެ ދަށުން ދޫކުރާ ލޯނުގެ ދަށުން ގަންނަ ތަކެތީގެ އަގުގެ %35 ޑިސްކައުންޓްކުރުމަށް ސަރުކާރުން ނިންމުން ކަމަށް ވުޒާރައިން ބުންޏެވެ.
މި މަޝްރޫއުގެ ދަށުން ލޮނުފެނުން މަސް ފިނިކުރާ ނިޒާމު (އާރްއެސްޑަބްލިޔު ސިސްޓަމް)، ޖެނެރޭޓާ ސެޓް، ސޯލާ ޕީވީ ސިސްޓަމް ގަތުމަށް ލޯނު ދޫކުރާނެއެވެ.
މަޝްރޫއުގެ މުހިންމު ކަންކަން:
- މަޝްރޫއުގެ ދަށުން ދެ މިލިއަނާ ހަމައަށް ފައިސާ ހަމަޖެހިގެންދާނެ.
- ލޯނު އަނބުރާ ދެއްކުމަށް 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ލިބޭނެ.
- 10 އަހަރު ދުވަހަށް ބަހާލައިގެން ލޯނު ދެއްކޭނެ ގޮތް ހަމަޖެހިފައިވުން.
- އަމިއްލައަށް ނުވަތަ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގައި ރަޖިސްޓްރީކޮށްފައިވާ ވެންޑަރެއް މެދުވެރިކޮށް ވެސް މި ފެސިލިޓީ ބޭނުންކުރެވުން.
- މަސްވެރިކަމުގެ ލައިސަންސް ނަގައިގެން މަހަށް ދުއްވާ 50 ފޫޓު ހަަމަވާ ކޮންމެ ދޯންޏަކަށް ރަހުނަކާއި ނުލައި މި ލޯނަށް ހުށަހެޅޭނެ.
މި ލޯނަށް އެދި ހުށަހެޅޭނީ އެސްޑިީއެފްސީ ޕޯޓަލް މެދުވެރިކޮށެވެ. އެޕްލިކޭޝަން ބަލައިގަތުމުގެ ސުންގަޑިއަކީ އަންނަ ނޮވެމްބަރު 30 އެވެ.

