ދިވެހި ޤައުމިއްޔަތު އިއާދަ ކުރުމުގެ މަޝްރޫޢުގެ ތަޢާރަފު ބައްދަލުވުންތައް ވިލާ އިންޓަރނޭޝަނަލް ހައިސްކޫލްގެ ދަރިވަރުންނަށް އަމާޒުކޮށް ކުރިއަށް ގެންދަން ފަށައިފިއެވެ.
ވިލާ އިންޓަނޭޝަނަލް ހައިސްކޫލްގެ ހޯލްގައި މިއަދު ކުރިއަށް ދިޔައީ މީގެ ފުރަތަމަ ބައްދަލުވުމެވެ. މިއަދުގެ މި ތަޢާރަފު ސެޝަންގައި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ވިލާ ކޮލެޖްގެ ރެކްޓަރ ޑރ. އަޙްމަދު އަންވަރު ބައިވެރިވެވަޑައިގެންނެވިއެވެ.
މި ތަޢާރަފު ބައްދަލުވުންތައް ބާއްވަން ފެއްޓީ އިއްޔެއެވެ. ފަހު ބައްދަލުވުން އޮންނާނީ މިއަދުއެވެ.
މިއީ ދިވެހި ޤައުމިއްޔަތު އިއާދަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށް ގެންދާ ޚާއްޞަ މަޝްރޫޢުގެ ދަށުން ކުރެވޭ މަސައްކަތުގެ ދަށުން މަތީ ސަނަވީ މަރުޙަލާތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގުނު ފުރަތަމަ ބައްދަލުވުމެވެ. މީގެ ކުރިން ވަނީ ސަރުކާރުގެ އެކި މުއައްސަސާތަކަށް އަމާޒުކޮށް މިފަދަ ތަޢާރަފު ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައެވެ.
ޤައުމިއްޔަތު އިއާދަ ކުރުމުގެ މަޝްރޫޢުގެ ދަށުން ނިމިދިޔަ ޤައުމީ ދުވަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ ނަމުގައި 5 ވަރެއް ކަނޑައަޅުއްވައިފައެވެ. އެއީ ދިވެހި ބަހުގެ އިސްވަރު, ދިވެހި ތަރީޚުގެ އިސްވަރު, ދިވެހި ފަންނުގެ އިސްވަރު, ދިވެހި ތަރިކައިގެ އިސްވަރު އަދި ދިވެހި ސުމޭކު އިސްވަރެވެ.