ސަޢޫދީ ޢަރަބިއްޔާގެ 94 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ސަޢޫދީގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒާއި ވަލީއަހުދު މުޙައްމަދު ބިން ސަލްމާނާއި ސަޢޫދީގެ ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވީ ސޯޝަލްމީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ ޕޯސްޓުގައި ވަނީ ރާއްޖެއާއި ސަޢޫދީއާއި ދެ ގައުމު އެއްބައިވަންތަކޮށްދޭ ހަރުދަނާ އިސްލާމީ ގުޅުމާއި، ޒަމާންވީ އެކުވެރިކަމާއި، އެއްބައިވަންތަކަމާއި، ގާތް ގުޅުމުގެ އަގު ރާއްޖެއިން ވަރަށް ބޮޑަށް ވަޒަންކުރާކަން ފާހަގަކުރައްވައިފައެވެ.
މި ދެމެހެއްޓެނިވި ގުޅުމުގެ ސަބަބުން، ދެ ގައުމުގެ ރައްޔިތުންނަށް ވެސް ކުރިއެރުމާއި ތަނަވަސްކަން ލިބިގެންދާނެކަމަށް ޔަގީންކުރައްވާ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.